ދުނިޔެ

ތުރުކީގެ ބޮޑުވަޒީރު، އުރުދުންގެ ރަސްގެފާނާއި ބައްދަލުކުރައްވައިފި


ތުރުކީވިލާތުގެ ބޮޑުވަޒީރު އަހްމަދު ދާވޫތުލޫ އުރުދުންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދެވަނަ އާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާތައް ބިނާކުރެއްވީ ސޫރިޔާގެ މައްސަލައަށާއި ސަރަޙައްދީ އެހެން މައްސަލަތަކާ ބެހޭގޮތުން ކަމަށް އުރުދުންގެ މިޑީޔާ ބުނެއެވެ. ޢަބްދުﷲ ރަސްގެފާނާ ބައްދަލުކުރެއްވުމުގެ ކުރިން ތުރުކީގެ ބޮޑުވަޒީރު ވަނީ އުރުދުންގެ ބޮޑުވަޒީރު ޢަބްދުﷲ ނައްސޫރާ އަންމާންގައި ބައްދަލުކުރައްވާފައެވެ.

އުރުދުންއާއި ތުރުކީވިލާތަކީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ނުކުންނަ ސޫރިޔާގެ ޢާންމުންނަށް އެންމެ ބޮޑަށް ހިޔާވަހިކަން ފޯރުކޮށްދޭ ދެޤައުމެވެ. ތުރުކީވިލާތުގައި ސޫރިޔާގެ ދެ މިލިޔަނެއްހާ ރެފިއުޖީން ދިރިއުޅެމުން ގެންދާއިރު އުރުދުންގައިވެސް ސޫރިޔާގެ މިލިޔަނެއްހާ ރެފިއުޖީން ދިރުއުޅެމުން ގެންދާކަމަށް ޚަބަރުލިބެއެވެ.