ޚަބަރު

ރައީސް ނަޝީދުގެ މައްސަލައިގައި ޙުކުމް އިއްވުން މިއަދު ހަވީރު 4 ޖަހާއިރު


  • އެމްޑީޕީއިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ 30 އޮކްޓޯބަރުގައި

  • މި މައްސަލާއިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ މިމަހުގެ 7 ވަނަ ދުވަހު

  • މައްސަލަ ހުށައެޅީ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން

  • މި މައްސަލަ ނިންމުމަށްފަހު ނޫނީ މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދާތީ، މަޖިލީހުގެ ގަވާއިދު މާނަކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޙުކުމް އިއްވުން މިއަދު ހަވީރު 4 ސުންމިނެޓަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. މި މައްސަލައަށް ރައީސް ނަޝީދު ނިސްބަތްވެވަޑައި ގަންނަވާ ދަ ޑިމޮކްރެޓްސް އިންނާއި، ޕީޕީއެމް/ޕީއެންސީން ވަނީ ތަދައްހުލުވެފައެވެ.

މި މައްސަލާގައި ދެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ވަނީ ބާއްވާފައެވެ. މި އަޑު އެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މި އަޑުއެހުންތަކުގައި ދައުލަތާއި، ރައްޔިތުންގެ މަޖިލީހާއި، ތަދައްޚުލްވި ފަރާތްތަކުންވެސް ބޭނުންވާ ކަންކަން ހުށައެޅުމަށް ވަނީ ފުރުޞަތު ދެއްވަފައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.

މި މައްސަލައިގެ އަޑުއެހުމުގައި ދަޢުލަތާއި، އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީއިން ބުނީ، އާއްމު ޖަލްސާތަކުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް މަޖިލީހަށް ހާޒިރު ނުވެވޭނަމަ، މަޖިލީހުގައި އެންމެ ގިނަދުވަސްވީ މެންބަރު ހިމެނޭގޮތަށް ޖަލްސާ ކުރިއަށްގެންދެވޭނެ ގޮތެއް މިފަދަ މައްސަލަތަކުގައިވެސް ހަމަޖެހިފައި އޮންނަންޖެހޭކަމަށެެވެ. އެގޮތަށް އެކަން ކޮށްފިނަމަ، ވަކި ބައެއްގެ މަސްލަޙަތު މައްސަލައިގެ ތެރެއަށް ނުވަންނާނެކަމަށާއި، އެއީ މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދަން އޮންނަ އާއްމު އުސޫލުކަން ވަކީލުން ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ވަކީލް ވަނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި، މަޖިލީހުގައި އަމަލުކުރަމުންދާ އާންމު އުސޫލަށް ބަލާއިރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތްގޮތަށް މަޖިލީހާ ގުޅޭ އެއްވެސް ކަމެއް ތަރުތީބު ކުރެވިފައި ނެތްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެމްޑީޕީން އެދުނީ އެޕާޓީން ހުށަހަޅާފައިވާ ގޮތަށް މައްސަލަ ނިންމައިދިނުމަށެވެ. ދައުލަތުންވެސް ތާޢިދުކުރަނީ އެގޮތަށެވެ.

މި މައްސަލާގައި ވާހަކަ ދައްކަވަމުން ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލް ވިދާޅުވީ، މި މައްސަލައަކީ މަޖިލީހުގެ އިދާރާއިން ގަވާއިދު މާނަކުރުމުގައި އުފެދުނު ޚިޔާލު ތަފާތުވުމަކާ ހެދި ހުށަހެޅިފައި އޮތް ދުސްތޫރީ މައްސަަލައެއްކަމަށެވެ.