ޚަބަރު

އައިޕީޔޫގެ ޑިމޮކްރަސީ އަދި ހިއުމަން ރައިޓްސް ކޮމެޓީގެ ރައީސްކަމަށް މެންބަރު ޖީހާން


  • ޖީހާން ވެފައިވަނީ މި ކޮމެޓީގެ ރައީސަކަށް ހޮވުނު ފުރަތަމަ ދިވެއްސަށް

  • ކޮމެޓީގެ މެންބަރަކަށް ޖީހާން ވެވަޑައިގަތީ 2021 ވަނަ އަހަރު

  • އައިޕީޔޫގައި 150 ވުރެ ގިނަ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ތަމްޞީލް ކުރޭ

އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން، އައި.ޕީ.ޔޫގެ ޑިމޮކްރަސީ އަދި ހިއުމަން ރައިޓްސް ކޮމެޓީގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހޮވިއްޖެއެވެ.

އިންޓަރ ޕާލިމެންޓަރީ ޔޫނިއަނަކީ 1889 ވަނަ އަހަރުން ފެށިގެން އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ބޭނުމަކީ ޑިމޮކްރެޓިކް ގަވަނަންސްގެ ތެރެއިން ޤައުމުތަކުގައި ޤާނޫނު ހަދާ މަޖިލިސްތައް ކުރިއަށް ގެންދިއުމާއި، މަޖިލީހުގެ ތެރެއިން އަންހެން މެންބަރުންނަށް ގޮނޑި ލިބޭ ފުރުޞަތު އިތުރުކޮށް، ޒުވާނުން ސިޔާސީ މައިދާނަށް ނިކުތުމަށް ބާރުއެޅުމެވެ.

މި ޔޫނިއަންގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަކީ އެ ޖަމްޢިއްޔާގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން މުހިންމު އެއް ކޮމެޓީއެވެ. މިއީ ޑިމޮކްރެސީއާއި ހިއުމަން ރައިޓްސް ކުރިއެރުވުމުގެ މަސައްކަތްކުރުމަށް އައިޕީޔޫގައި އެކުލަވާލާފައިވާ ކޮމެޓީއެވެ.


ޖީހާން މި މަޤާމަށް އިންތިޚާބުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެކަމަނާއަށް މަރުޙަބާ ދަންނަވާފައެވެ.

މިކޮމެޓީގެ މެންބަރަކަށް ޖީހާން ވެވަޑައިގެންފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ޖީހާނަކީ ރާއްޖެއިން މި ކޮމެޓީއަށް އިންތިޚާބުވި އެންމެ ފުރަތަމަ މެންބަރެވެ. އަދި ކޮމެޓީގެ ރައީސްއަކަށް ހޮވިވަޑައިގަތުމާއެކު، އެކަމަނާ ވެފައިވަނީ ކޮމެޓީގެ ރައީސްކަން ކުރައްވާ އެންމެ ފުރަތަމަ ދިވެއްސަށެވެ.

ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނޭ އައި.ޕީ.ޔޫގައި 150 ވުރެ ގިނަ ޤައުމުގެ މަޖިލިސްތައް ތަމްޞީލުކުރެއެވެ.