ޔަހޫދީންގެ މިނިވަންކަން ދިފާޢު ކުރުމުގެ ނަމުގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގައި އެތަކެއް ހާސް މުސްލިމުންނެއް ޝަހީދު ކޮށްލުމުގެ ހައްޤު ޒަޔަނިސްޓު އިސްރާޢީލަށް ލިބިގެންވާ ކަމަށް ގްރޫފް އޮފް ސެވަން (ޖީ7)ގެ މެންބަރު ޤައުމުތަކުން ކަނޑައަޅައިފިއެވެ. ޖީ7ކީ ސިނާޢީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމުޢިއްޔާއެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޖީ7ގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ޖަޕާނުގެ ވެރިރަށް ތޯކްޔޯގައި ބައްދަލު ކުރައްވާފައެވެ. އެ މަޝްވަރާތަކަށް ފަހު ޖީ7ގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ، މި މައްސަލައާ ގުޅޭ ގޮތުން އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަން ހާމަ ކުރައްވާފައެވެ.
ތޯކްޔޯގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ޖީ7އިން ބުނީ، ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ވަގުތީ ގޮތުން މެދުކަނޑައިލަން އެއްބަސްވާ ކަމުގައެވެ. ބޭނުމަކީ، ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ވެސް ޖީ7އިން ބުންޏެވެ. އަދި، ޙަމާސްގެ އަމަލުތައް ކުށްވެރި ކުރާ ކަމަށާއި، ޔަހޫދީންގެ މިނިވަން ކަމުގެ ދިފާޢުގައި ޣައްޒާގެ މުސްލިމުން ގަތުލު ކުރުމަށް ގަތުލުއާންމެއް ހިންގުމަކީ ޒަޔަނިސްޓު އިސްރާޢީލަށް ލިބިގެންވާ ހައްޤެއް ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޣައްޒާގެ މުސްލިމުން މެރުމަކީ ޔަހޫދީންނަށް ލިބިގެންވާ ހައްޤެއް ކަމުގައި ޖީ7ން ބުނެފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 10,569 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,000 އަށްވުރެ ގިނަ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 24,000 އަށް އުފުލިފައެވެ.
މި އުދުވާންތަކާ ގުޅޭ ގޮތުން ޖީ7ން ނެރުނު ބަޔާނުގައި އެންމެ ފުރަތަމަ ވެސް ކުށްވެރި ކޮށްފައި ވަނީ ޙަމާސް ޖަމާޢަތެވެ. ޔަހޫދީންގެ އަޅުވެތި ކަމުން މިންޖުވާން ޙަމާސް ޖަމާޢަތުގެ އިތުރުން، ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުން ކުރަމުންދާ މަތިވެރި ޖިހާދެވެ. އިސްރާޢީލުން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ އެތަކެއް ހާސް މުސްލިމުން ޖީ7ގެ ޚާރިޖީ ވަޒީރުންނަށް ނުފެންނަ ކަހަލައެވެ.
ޖީ7ގެ ބައްދަލުވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭނާ ވިދާޅުވީ، ގަތުލުއާންމު ވަގުތީ ގޮތުން މެދުކަނޑައިލަން އޭނާގެ އިތުރުން އިނގިރޭސިވިލާތާއި، ކެނެޑާއާއި، ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތުގެ އިތުރުން އިޓަލީވިލާތާއި ޖަޕާނުގެ ޚާރިޖީ ވަޒީރުން އެއްބަސްވެ ވަޑައިގަންނަވާ ކަމުގައެވެ.
ނަމަވެސް، ފާހަގަ ކޮށްލަން ޖެހޭ މުހިންމު ނުކުތާއަކީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުން ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ ރުހުމާއި، ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމެވެ. މުސްލިމުންގެ ގެދޮރާއި ހޮސްޕިޓަލްތަކަށް އަޅަމުންދާ ބޮންތަކާއި މިސައިލްތަކަކީ އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރު ކަމެވެ. ޔަހޫދީންނަށް 320 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ބޮންތަކެއް ފޮނުވަން އެމެރިކާއިން ދާދިފަހުން ނިންމާފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.