ޚަބަރު

ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާނެ އިތުރު މަގެއް ހަދަނީ


ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު، ހުޅުލެއާއި ހުޅުމާލެއާ ދެމެދު އެއްގަމު ދަތުރުކުރުމަށް އިތުރު މަގެއް ހެއްދެވުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ބަޔަކާ ޙަވާލުކުރައްވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުޅުލެއާއި ހުޅުމާލެއާ ދެމެދު އެއްގަމު މަގުން ދަތުރުކުރާނެ އިތުރު މަގެއް ހެއްދެވުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުއްވުމުން، ބްރިޖުގެ ޓްރެފިކް ފްލޯ ބްލޮކް ވިޔަނުދީ، ހުޅުލެއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން، ހުޅުމާލެއަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުންކަމަށެވެ. މި މަގަކީ ހުޅުލެއާއި ހުޅުމާލެއާ ދެމެދު އެއްގަމު ދަތުރުކުރުމަށް މިހާރު ބޭނުންކުރަމުންދާ މަގަށްވުރެ، ފުޅާވެފައި، ދިގު މަގެއްކަމަށާއި، މި މަގު ތަރައްޤީކުރެވިގެން ދާނީ ހައިވޭއެއްގެ ގޮތުގައިކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ހުޅުލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުމަށް އިތުރު މަގެއް ހެއްދެވުމަށް ބޭނުންވާ އީ.އާއި.އޭގެ މަސައްކަތާއި، މަގު ފަރުމާކޮށްދޭނެ ފަރާތެއް ހޯއްދެވުމަށް ހައުސިންގ މިނިސްޓްރީން މިހާރު ވަނީ އިޢުލާން ކުރައްވާފައެވެ. 

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުޅުލެއާއި ހުޅުމާލެއާ ދެމެދު ހައްދަވާ މި އާ މަގުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެކަމަށެވެ. އަދި ސަރުކާރުގެ އަމަޒާކީ ބްރިޖުގެ ޢަމަލީ މަސައްކަތް ނިމެންވާއިރަށް، މި މަގުގެ މަސައްކަތް ފުރިހަމަކުރެއްވުން ކަމަށެވެ.