ޚަބަރު

އުއްތަމަ ފަނޑިޔާރު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


  • ބަންލަދޭޝްގެ ޤާނޫނު އަސާސީ ވުޖޫދުވީ 16 ޑިސެންބަރު 1972

  • އުއްތަމަ ފަނޑިޔާރު ބަގްލަދޭޝްއަށް ވަޑައިގަތީ ހުކުރު ދުވަހު

  • ބަންލަދޭޝްގެ ސުޕްރީމް ކޯޓަށް ޒިޔާރަތްކުރެއްވި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވާ، އެނބުރި ރާއްޖެވަޑައިގެންފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މި ދަތުރުފުޅަކީ ބަންދްލަދޭޝްގެ ޤާނޫނު އަސާސީއަށާއި، ބަންގްލަދޭޝްގެ ސުޕްރީމް ކޯޓަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އައި އިޙްތިފާލްތައް ނިންމުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވާ ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރުގެ އޮބައިދުލް ހަސަން ދެއްވި ޙާއްޞަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅުކެވެ.

ބަންގްލަދޭޝްގެ ޤާނޫނު އަސާސީއަށާއި ބަންގްލަދޭޝްގެ ސުޕްރީމް ކޯޓަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އައި އިޙްތިފާލުތައް މިހާރު ވަނީ ނިންމާލާފައެވެ.

ބަންގްލަދޭޝްގެ ޤާނޫނު އަސާސީއަށާއި ބަންގްލަދޭޝްގެ ސުޕްރީމް ކޯޓަށް 50 އަހަރު ފުރުމާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވަމުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢްތަސިމް ޢަދުނާނު ދެއްކެވި، ވާހަކަފުޅުގައި ދެ ޤައުމުގެ ދޭތެރޭގައި އޮތް ޒަމާންވީ ގުޅުމާއި، ދެ ޤައުމުގެ މެދުގައި ހުރި އެއްގޮތް އާދަކާތަކާއި، ހަމަތަކާއި ވިސްނުން ގެންގުޅޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން އުއްތަމަ ފަނޑިޔާރު ވަނީ ބަންގްލަދޭޝްގެ ސުޕްރީމް ކޯޓަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި އެވަގުތު ކުރިއަށްދިޔަ ޝަރީޢަތުގެ އަޑުއެހުމެއްގައި ބައިވެރިވެވަޑައިގަންނަވާ، އެކޯޓުގެ މަސައްކަތްތައް ރޭވިފައިހުރި ގޮތް ވަނީ ބައްލަވާލައްވާފައެވެ.

ބަންލަދޭޝްގެ ޤާނޫނު އަސާސީ ވުޖޫދަށް އައީ 16 ޑިސެންބަރު 1972 ގައެވެ. އޭގެ ދެ ދުވަސްފަހު އެ ޤައުމުގެ ސުޕްރީމް ކޯޓު ޤާއިމުކޮށްފައިވަނީ 18 ޑިސެންބަރު 1972 ގައެވެ.