ޚަބަރު

އެމްއެންޔޫ ޖޮބް ފެސްޓިވަލް ފަށައިފި


  • ފެސްޓިވަލް ހުޅުވާދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

  • އެއް ތާކުން ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭ ގިނަ މަޢުލޫމާތު ތަކެއް ލިބިގެންދާނެ

  • ފެސްޓިވަލް ކުރިއަށްދާނީ މިއަދާއި މާދަމާ ހަވީރު 4 އިން ރޭގަނޑު 10 އަކަށް

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން އިންތިޒާމްކޮށްގެން މިއަހަރު ބާއްވާ 2 ވަނަ ޖޮބް ފެސްޓިވަލް ފަށައިފިއެވެ.

"ފަހި ފުރުޞަތު"ގެ ނަމުގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފެސްޓިވަލަކީ ޔުނިވަރސިޓީން ކިޔަވައިގެން ނިކުންނަ ދަރިވަރުންނަށް، ރާއްޖެއިން ލިބެން ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭގޮތުން އެއް ތާކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ފެސްޓިވަލެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މިފަހަރުގެ ފެސްޓިވަލް ހުޅުވާދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަންއެވެ. ފެސްޓިވަލް ހުޅުއްވާދެއްވުމަށްފަހު މިނިސްޓަރވަނީ ފެސްޓިވަލުގައި ހުރި ހުރިހާ ސްޓޯލަކަށް ޒިޔާރަތްކުރައްވާ، ފެސްޓިވަލް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މި ފެސްޓިވަލާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސް އާއި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަހި ފުރުޞަތު ފެސްޓިވަލުގެ ސަބަބުން ވަރަށް މުހިންމު ކަންތައްތަކެއް ޙާސިލްވެގެންދާނެ ކަމަށެވެ. އެގޮތުން، ދިވެހި ޒުވާނުންނަށް ލިބެން ހުރި ވަޒީފާގެ ފުރުޞަތުތައް އެއް ތަނަކުން އެނގުމަކީ، އެ ކުދީންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ފެސްޓިވަލުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ވަޒީފާގެ ބާޒާރަށް ނިކުންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެހެންވީމަ، އަޅުގަނޑު އުންމީދު ކުރަނީ މިކަހަލަ ގިނަ ފުރުޞަތުތައް އެކި ނަންނަމުގައި ޒުވާނުންނަށް ލިބިގެން ދިއުން. އަޅުގަނޑު އެދެނީ މިކަމުގައި ބައިވެރިވި ހުރިހާ ސްޓޯލުތަކަށް ވެސް ވަރަށް ބޮޑު ކާމިޔާބީއެއް." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވިއެވެ.

މިފެސްޓިވަލަކީ ފަހި ފުރުޞަތުގެ ނަމުގައި މިއަހަރު ބާއްވާ ދެވަނަ ފެސްޓިވަލެވެ. މިފަހަރުގެ ފެސްޓިވަލް މާދަމާވެސް ހަވީރު 4 އިން ރޭގަނޑު 10އަކަށް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ބުނީ މިފަހަރުގެ ޖޮބް ފެސްޓިވަލުގައި ގާތްގަނޑަކަށް 26 ފަރާތަކުން ބައިވެރިވާ ކަމަށެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ސްޓޯލެއްވެސް، މިފެސްޓިވަލުގައި ހުންނާނެ ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. އަދި މިސްޓޯލުން އެމްއެންޔޫގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، އެޔނިވަރސިޓީން ކިޔަވައިދޭ ކޯސްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށްވެސް އެމްއެންޔޫއިން ބުނެއެވެ.

މިފެސްޓިވަލުގައި ބައިވެރިވި އެކިފަރާތްތަކުން ބުނީ މިފެސްޓިވަލުގެ ސަބަބުން، އެތަންތަނުން ލިބެން ހުރި ވަޒީފާތަކާއި ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ގިނަ ބަޔަކަށް ފަސޭހަކަމާއިއެކު، ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކަށް، ވަގުތުން ކިޔުއާރު ކޯޑު ސްކޭން ކޮށްލައިގެން ވަޒީފާއަށް ފޯމު ހުށައެޅޭނެ ކަމަށް ބައެއް ސްޓޯލްތަކުން ބުނެފައިވެއެވެ.

އެމްއެންޔޫ ޖޮބް ފެސްޓިވަލަކީ ކޮންމެ އަހަރަކުވެސް ބާއްވާ ފެސްޓިވަލެކެވެ. މިގޮތުން ކޮންމެ އަހަރަކުވެސް 2 ފެސްޓިވަލެއް ބާއްވައެވެ.