ޚަބަރު

ޕީއެސްއައިޕީ މަޝްރޫޢުތަކުގެ މުއްދަތު އިތުރުކުރަން ނިންމެވީ ޤާނޫނާއި ޚިލާފަށް: ފިރުޒުލް


  • 6 މަސް ދިނުމަށް ނިންމުމުގެ ބާރެއް އިކޮނޮމިކް ކައުންސިލަށް ލިބިގެން ނުވާ ކަމަށް ވިދާޅުވި

  • މާލިޔަތު ޤާނޫނާ ގަވާއިދުގެ ދަށުން ފިނޭންސަށްވެސް މިބާރު ލިބިގެންނުވާ ކަމަށް ވިދާޅުވި

  • ޤާނޫނާއި ޚިލާފަށް އެކަން ނުކުރާނަމަ އެކަން ހުއްޓާލުމަށް އެންގެވި

30 މޭ 2020ގެ ކުރިން ސޮއިކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތް ނިންމަން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް 6 މަސް ދިނުމަށް ނިންމުމުގެ ބާރެއް އިކޮނޮމިކް ކައުންސިލަށް ލިބިގެން ނުވާ ކަމަށް
އިންތިޚާބީ ރައީސްގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ފިނޭންސް މިނިސްޓްރީން ނިންމެވި ނިންމެވުމާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އޭނާ ވިދާޅުވީ މިއީ 25 އޭޕްރީލް 2019ގައި އިކޮނޮމިކް ކައުންސިލްއިން އާންމުކުރައްވާފައިވާ އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ހިމެނޭ ބާރެއް ނޫންކަމަށެވެ.

ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން އިކޮނޮމިކް ކައުންސިލަށް ލިބިދޭ ބާރަކީ ސަރުކާރުގެ އެކިއެކި ދާއިރާތަކުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކުގެ ސިޔާސަތު ކަނޑައަޅައި، ތަންފީޒުކޮށް، ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު ދިމާވާ ދަތިތަކަށް ހައްލުގެނެސް އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ވިލަރެސް ކުރުމުގެ މަސައްކަތްކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ދައުލަތުގެ މާލިޔަތު ޤާނޫނާ ގަވާއިދުގެ ދަށުން މިބާރަކީ ފިނޭސް މިނިސްޓްރީއަށްވެސް ލިބިގެންވާ ބާރެއް ނޫން ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ކޯވިޑުގެ ހާލަތުގައި ދިމާވި ދަތިތަކާ ގުޅިގެން މުއްދަތައް ނުނިމިހުރި މަޝްރޫއުތައް މުއްދަތު އިތުރުކުރުމަށް ކަމަށްބުނެ މަސައްކަތް ކުރަންވީ މިދަނޑިވަޅުގައި ނޫންކަމަށާއި، ޤަވާއިދުގެ ތެރެއިން މިކަން ކުރުމަށް ސަރުކާރަށް އޮތް ފުރުސަތު ބޭނުން ނުކުރުމަކީ އަލަށް އަންނަ ސަރުކާރުގެ ސިޔާސަތުތަކަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާނެކަމަށެވެ.

"މިކަންކަން މާލިއްޔަތު ޤަވާއިދުގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ސަރުކާރަށް މީގެކުރިން ލިގެންދިޔަ. ސަރުކާރަށް ލިބެން އޮންނަ ފައިސާއެއް ނުވަތަ ފައިދާއެއް ދައުލަތަށް ގެއްލުންވާގޮތަށް ބޭރުކުރުމަކީ ޤާނޫނީ ކުށެއް، ޤާނޫނާއި ޚިލާފަށް އެކަންނުކުރާނަމަ އެކަން ހުއްޓާލުމަށް އަންގަން" ފިރުޒުލް ވިދާޅުވިއެވެ

ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރުމަށް އަމަލުކުރަން ޖެހޭ ވަކި ގޮތްތަކެއް މާލިއްޔަތު ޤާނޫނުގައި ކަނޑައަޅާފައިއޮވެއެވެ. އެ ޤާނޫނުގެ 10 ވަނަ ނަމްބަރުގެ (ހ) ގައިވަނީ ދައުލަތުގެ ފައިސާއިން ޚާއްޞަ އެހީއެއްގެ ގޮތުގައި، މީހަކަށް ނުވަތަ ފަރާތަކަށް އެހީއެއް ވެދެވޭނީ، އެމީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި، ނުވަތަ ކުރިމަތިވާ ދަތި ޙާލަތެއްގައި، ކޮންމެވެސް އެހީއެއް ދައުލަތުން ވެދިނުމަކީ، އިޖްތިމާޢީ މަޞްލަޙަތެއް ހިމެނޭ ކަމެއް ކަމުގައި ނުވަތަ ޢަދްލުވެރި ކަމެއް ކަމުގައި ސަރުކާރަށް ފެންނަ ޙާލަތްތަކުގައެވެ. އެހެންނޫންނަމަ، އެފަދަ އެހީއެއް ވެދޭންވާނީ މީހަކަށް ނުވަތަ ފަރާތަކަށް ދިމާވެފައިވާ މާލީ ދައްޗަކުން އެމީހަކު ނުވަތަ އެފަރާތެއް ސަލާމަތްކޮށްދިނުމަކީ މުޖުތަމަޢުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަޙަތު އެކަމުގައި ހިމެނިގެންވާ ކަމަކަށްވުމުގެ އިތުރަށް، އެޙާލަތުގައި އެމީހަކު ނުވަތަ އެފަރާތެއް ސަލާމަތްކޮށްދިނުމަކީ އެންމެ ޢަދުލުވެރި، އިންޞާފުވެރިގޮތްކަމަށް ސަރުކާރަށް ފެންނަ ޙާލަތްތަކުގައެވެ.