ޚަބަރު

އެމްއެންޔޫގެ ކޯސްތަކާއި ފެކަލްޓީތަކަށް ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަން ހޯދުމުގެ މަސައްކަތްކުރަނީ


  • އެމްއެންޔޫއަށް ވަނީ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ލިބިފައި

  • މިހާރު މަސައްކަތްކުރަނީ ވަކި ކޯސްތަކާއި ފެކަލްޓީތަކަށް ދަރަޖަ ބޭރުގެ ހޯދުމަށް

  • އެންމެ ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާއަށް ވެގެންގޮސްފިކަމަށް

ޔުނިވާސިޓީގެ ވަކިވަކި ފެކަލްޓީތަކާއި ކޯސްތަކަށް، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ދަރަޖަ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ވިދާޅުވެއްޖެއެވެ. އެ ޔުނިވާސިޓީއިން މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔަރ އެޑިއުކޭޝަން (ކިއުއޭއޭ) އިން ދޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން، އެ ޔުނިވާސިޓީއިން ހާސިލްކުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ރާއްޖޭ މިއަދު ޕްރޮގްރާމްގައި މައުލޫމާތު ހިއްސާކުރަމުންނެވެ.

ޤައުމީ ޔުނިވާސިޓީގެ ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ ޑރ. ޢާމިނަތު ޝިޔާމާ ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ކޮލިޓީ އެކްރެޑިޓޭޝަން ޔުނިވާސިޓީއަށް ލިބިގެން ދިއުމަކީ، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މުވައްސަސާއަކަށް ވެފައިވާކަމަށެވެ. އަދި އެ ޔުނިވާސިޓީއަކީ ކިހާ ފެންވަރެއްގެ ތަނެއްކަން ބައިނަލްއަޤްވާމީ އެހެނިހެން ތަޢުލީމީ މުއައްސަސާތަކަށްވެސް ހާމަވެގެން ދާކަމަށްވެސް ޑރ. ޝިޔާމާ ވިދާޅުވިއެވެ.

ޝިޔާމާ ވިދާލުވީ މިހާރު މަސައްކަތްކުރަމުންދަނީ އެ ޔުނިވާސިޓީގެ ވަކި ވަކީ ފެކަލްޓީތަކާއި ކޯސްތަކަށް، ފެކަލްޓީ ލެވެލްގެ އެކްރެޑިޓޭޝަން ހޯދުމަށްކަމަށެވެ. އެ ޔުނިވާސިޓީއަށް ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ހޯދުމަށް ކުރި މި މަރުހަލާގައި ފެކަލްޓީއޮފް ހޮސްޕިޓާލިޓީ ޓޫރިޒަމަށް ފެކަލްޓީ ލެވެލްގެ އެކްރެޑިޓޭޝަން ހޯދުމަށް މަސައްކަތް ކުރިކަމަށާއި، އެގޮތުން ސްވިޒްލޭންޑްގެ އީއެޗްއެލްގެ އެކްރެޑިޓޭޝަން މިހާރު ލިބިފައިވާކަން ޑރ. ޝިޔާމާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތެއް ސްވިޒްލޭންޑްގެ އީއެޗްއެލް، އެއީ ހޮސްޕިޓާލިޓީ އެޑުކޭޝަންގައި ދުނިޔޭގެ ނަންބާރ 1. ވަރަށް ގިނަ ދުވަސްވަންދެން އެ ދާއިރާއިން ތައުލީމު ހާސިލްކޮށްދޭ މުޅި ދުނިޔެއަށްހެން ފުޅާ ދާއިރާއެއްގައި މި މަސައްކަތްކޮށްދޭ ފަރާތެއް. ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި އީއެޗްއެލްއޭ ބުނީމައި ނޭނގޭ ފަރާތެއްހަމަ ނޯންނާނެ. އެހެންވީމައި އެ ފަރާތުގެ އެކްރެޑިޓޭޝަން އަޅުގަނޑުމެން ހޯދާފިން އަޅުގަނޑުމެންގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީއަށް" ޑރ. ޝިޔާމާ ވިދާޅުވިއެވެ.

ބެޗްލާރސް އޮފް އިންޓާރނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖްމަންޓް ކޯހަކީވެސް ސްވިޓްޒްލޭންޑްގެ އީއެޗްއެލްއިން ބަލައިގަންނަ ކޯހަކަށް ވެގެން ދިއުމުން އެކޯސް ފުރިހަމަ ކުރާ ދަރިވަރުއްނަށް ދޭ ސެޓިފިކެޓްގައިވެސް އެ ވާހަކަ ހިމަނާފައިވާނެކަމަށް ޑރ. ޝިޔާމާ ވިދާޅުވިއެވެ.

އެމްއެންޔޫން ވިދާޅުވީ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ހާސިލުވުމާއެކު އެޔުނިވަސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭ، އަދި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެންމެ ފެންވަރު ރަނގަޅު ޔުނިވަސިޓީގެ ގޮތުގައި ވެގެން ގޮސްފައިވާކަމަށް ޤައުމީ ޔުނިވާސިޓީގެ ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ ޑރ. ޢާމިނަތު ޝިޔާމާ ވިދާޅުވިއެވެ.