ޚަބަރު

ޕީއެސްއައިޕީ މަޝްރޫޢުތަކުގެ މަސައްކަތް ނިންމަން އިތުރު މުއްދަތެއް


  • މުއްދަތު އިތުރު ކޮށްދެއްވަނީ 30 މޭ 2020ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫޢުތަކަށް

  • މުއްދަތު އިތުރު ކޮށްދިނުމަށް ނިންމެވީ ކޯވިޑާއި ގުޅިގެން ދިމާވި ދަތިތަކަށް ލުޔެއް ދިނުމަށް

  • މުއްދަތު އިތުރު ކުރެވޭނީ އެކަމަށް އެދި ފޯމު ހުށައެޅުމުން

30 މޭ 2020ގެ ކުރިން ސޮއިކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތް ނިންމަން އިތުރު 6 މަސް ދުވަސް ދެއްވުމަށް އިކޮނޮމިކް ކައުންސިލުން ނިންމަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައިވަނީ މުއްދަތު އިތުރު ކޮށްދެއްވުމަށް ނިންމެވީ ކޮންޓްރެކްޓަރުންނަށް ކޯވިޑު 19ގައި ދިމާވި އެކިއެކި ދަތިތަކަށް ލުޔެއް ހޯދާދިނުމުގެ ގޮތުން ކަމަށެވެ. އެމިނިސްޓްރީން ވިދާޅުވީ މުއްދަތު އިތުރު ކުރެވޭނީ، މިކަމަށް އެދި ހުށައަޅާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ދައުލަތުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫޢެއްގައި ބައިވެރިވެފައިވާ ކޮންޓްރެކްޓަރުން އެފަރާތުގެ ކޮންޓްރެކްޓް އިތުރުކުރުމަށް ބޭނުންވާ މުއްދަތު 6 މަސް ދުވަހަށްވުރެ އިތުރު ނުވާގޮތަށް 16 ނޮވެމްބަރު 2023ގެ ނިއަލަށް އެކޮންޓްރެކްޓެއް ހިންގާ އޮފީހަކަށް އެދުމަށްވަނީ އަންގަވާފައެވެ. އަދި ދައުލަތުގެ އޮފީސްތަކުން އެފަދަ އެދިލެއްވުންތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހުއްދަދެއްވައި އެކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށް އެއްބަސްވުންތައް އަދާހަމަކުރެއްވުމަށްވަނީ ފިނޭންސް މިނިސްޓްރީންވަނީ އަންގަވާފައެވެ.

ޕީ.އެސް.އައި.ޕީއަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫޢުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ. މިއަހަރުގެ ޕީ.އެސް.އައި.ޕީ އެކުލަވާލާފައިވަނީ ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޖާގަދިނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރެއިން މިހާތަނަށް ބަޖެޓުން ޖާގަނުދެވިވާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ޖާގަދިނުމަށެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 9.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.