ޚަބަރު

ޑރ.ޝަހީމްގެ މިއަހަރުގެ ފަހު ފޮތް "އިސްލާމީ ނަޒަރަކުން" ނެރެފި


  • މިފޮތަކީ އިސްލާމީ ނަޒަރަކުން އެކިކަންކަމަށް އަލިއަޅުވާލާ ތައްޔާރުކުރައްވާފައިވާ ފޮތެއް

  • އިސްލާމީ ނަޒަރަކުން ދައުލަތެއް ޤާއިމުކޮށް ހިންގާނެ ގޮތްވަނީ ހިމަނާފައި

  • ކުރިއަށްވެސް ޕަބްލިޝްކުރުމަށް އިތުރު ފޮތްތަކެއް އެބަހުރިކަމަށް

  • މިއީ ޝަހީމް މިއަހަރު ނެރުއްވާނެ އެންމެ ފަހު ފޮތް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްވެ އުފައްދާވފައިވާ ޖަމްޢިއްޔާ، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)އިން އިސްނަގައިގެން ލިޔުނު "އިސްލާމީ ނަޒަރަކުން" ފޮތް ނެރެފިއެވެ. މިފޮތް ނެރެދެއްވާފައިވަނީ މިކަމަށްޓަކައި ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކޮލެޖުގެ ޗެއަރމަން ޢަބްދުﷲ މުޝްތާޤްއެވެ. މިފޮތުގެ މުސައްނިފަކީވެސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.ޝަހީމް ޢަލީ ސަޢީދުވަނީ ފޮތުގައި ހިމެނޭ ބައިތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިފޮތަކީ އިސްލާމީ ނަޒަރަކުން އަދުގެ މުޖުތަމަޢުގައި ހުރި އެކިކަންކަމަށް އަލިއަޅުއްވާލައްވާ، ޢިލްމީ މަޢުލޫމާތުތައް ހިމެނޭހެން ލިޔުއްވާފައިވާ ފޮތެއްކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

ފޮތް ލިޔުއްވުމުގެ ޝައުގުވެރިކަން އަބަދުވެސް ހުންނަކަން ފާހަގަކުރައްވަމުން ޑރ.ޝަހީމް ވިދާޅުވީ މިފޮތަކީ މީގެ 5 އަހަރު ކުރިން ދިމާވި ޙާލަތްތަކުގެ ސަބަބުން ރާއްޖެއިން ބޭރުގައި ހުންނެވި ދުވަސްވަރު ލިޔުއްވި އެކިއެކި މަޒުމޫނުތައް އެއްކުރައްވާ ލިޔުއްވި ފޮތެއްކަމަށެވެ. މި ފޮތުގައި އެކުލެވޭ މުހިންމު ބައެއް ބައިތަކުގެ ތެރޭގައި، ޤައުމު ބިނާކުރުމާއި، ދައުލަތް ހިންގުމާއި ވެރިކަން ހިންގުމުގެ އިދާރީ ނިޒާމާއި، ޓޫރިސްޓުންނަށް ރައްކާތެރިކަން ދިނުމާއި، އިސްލާމްދީނުގައި އަންހެނުންގެ މަޤާމާއި، ދީނީ ފަތުވާ ދިނުމުގެ ނިޒާމާއި އެނިޒާމު ހަރުދަނާ ކުރުމާއި ޖިހާދު ކުރުމުގެ ފަލްސަފާ ފަދަ ބައިތައް ހިމެނެއެވެ.

މީގެ އިތުރުން އިސްލާމީ ސިޔާސީ ހަރަކާތްތަކާއި ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހު ކުރުމާއި ޚިޔާލުފާޅުކުރުން ފަދަ ކަންކަމަށް އިސްލާމްދީނުގެ ގިއުގަނޑުގެ ތެރެއިން މިސާލު ނަންގަވައިގެން ޝަހީމް ވަނީ މިފޮތުގައި އަލިއަޅުއްވާލައްވާފައެވެ.

"މިފޮތަކީ އިސްލާމީ ނަޒަރަކުން އިސްލާމީ ދައުލަތެއް ހިންގުމާއި ގުޅޭގޮތުން އަޅުގަނޑު ލިޔެ އެއްކޮށްފައިވާ މަޒުމޫނުތައް ހިމެނޭ ފޮތެއް. މީގައި ހުންނާނެ ދައުލަތުގެ މުއައްސަސާތައް އުފައްދާ ހިންގާނެ ގޮތާއި، އިސްލާމިކް ޔުނިވަރސިޓީއާއި މިފަދަ އެކި ތަންތަން ހިންގާނެ ގޮތް. އަދި އިސްލާމް ދީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރާ ތުހުމަތުތަކުން އަރައިގަތުމަށް ދީނީ ނަޒަރަކުން ކުރެވޭނެ މަސައްކަތްވެސް ހުންނާނެ ހިމަނާފައި." ޑރ.ޝަހީމް ވިދާޅުވިއެވެ.

މިފޮތް ނެރެދެއްވާ ވާހަކަދައްކަވަމުން އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުޝްތާޤް ވިދާޅުވީ މުޖުތަމަޢުގައި އެކި މައްސަލަތައް ހުރި އިރު އެކަންކަމަށް ދީނީ ނަޒަރަކުން ޙައްލު ނުގެނެސްދެވިއްޖެނަމަ އޭގެ ނަތީޖާ ނިކުންނަ ގޮތަކުން ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެކަމަށެވެ. އެފަދަ މައްސަލަތަކަށް މިފޮތުގައި އަލިއަޅުއްވާލައްވާފައިވާކަން މުސްތާޤް ފާހަގަކުރެއްވިއެވެ.

"ހުރިހާ ދީނީ ޢިލްމުވެރިން ވާހަކަދައްކަވާއިރު އަދި މުޖުތަމަޢުގައި ހުރި މައްސަލަތަކަށް އެޑްރެސްކުރައްވާއިރު، ދީނީ ނަޒަރަކުން އަދި ޒަމާނީ ވިސްނުމަކުން އެބަޖެހޭ އެކަމަށް އަލިއަޅުވަން. އެހެންނޫންނަމަ އެކި ފިކުރުތަކަށް ވިސްނުން ދިޔުމުގެ ފުރުސަތު އެބައޮތް ވަރަށް ބޮޑަށް." މުޝްތާޤް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވަނީ މީގެ ކުރިންވެސް ދީނީ އެކި މަޢުޟޫޢުތަކަށް ގިނަ ފޮތްތަކެއް ލިޔުއްވައި ޝާއިޢުކުރައްވާފައެވެ. އެގޮތުން މީގެކުރިންވަނީ ރަސޫލުﷲގެފާނުގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުއްވާލައްވާ ފޮތެއް ނެރުއްވާފައެވެ. އަދި ޑީއެންއޭ ޒަމާނީ ވަޞީލަތްތަކުގެ މައްޗަށް ޤަރީނާ ތައްޔާރުކުރުމާއި، ޒަކާތް ދެއްކުމުގެ މިޒަމާނުގައި ފެންނަމުންދާ މައްސަލަތަކުގެ މައްޗަށް ދީނީ ނަޒަރަކުން ބަލާލާ ލިޔުއްވާފައިވާ ފޮތެއްވެސް ހިމެނެއެވެ.

މީގެއިތުރުން އަދި ޕަބްލިޝްނުކުރާ ފޮތްތައްވެސް ހުރިކަން ޑރ.ޝަހީމްވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އިސްލާމީ ޝަރީޢަތާއި ގުޅޭގޮތުންވެސް ކުރިއަށްއޮތްތަނުގައި ފޮތެއް ނެރުއްވަން ތައްޔާރުވަމުންދާކަން ޑރ.ޝަހީމްވަނީ ފާހަގަކުރައްވާފައެވެ.

އިސްލާމީ ނަޒަރަކުން މިފޮތަކީ މިއަހަރު ޢިލްމު އިންސްޓިޓިއުޓްގެ ފަރާތުން ނެރޭނެ އެންމެ ފަހު ފޮތެވެ.

ޢިލްމު އިންސްޓިޓުޓްއަކީ ދީނީގޮތުން ޢިލްމުވެރި ޖީލެއް ބިނާކުރުމަށް ޑރ.ޝަހީމް ޢަލީ ސަޢީދު އިސްނަންގަވާ ކުރިއަށްގެންދަވާ ޖަމުޢިއްޔާއެކެވެ. މިގޮތުން މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޖަމްޢިއްޔާއިން ވަނީ އެކި ދާއިރާތަކުން ޕީއެޗްޑީ ޙާސިލްކުރުމަށް 16 ދަރިވަރަކަށް ބޭރުގެ ސްކޯލަރޝިޕް ހަމަޖައްސަވާދެއްވާފައެވެ. މީގެތެރެއިން 11 ދަރިވަރަކު މިހާރު އަންނަނީ ތަޢުލީމު ޙާސިލުކުރަމުންކަމަށް އެޖަމިއްޔާއިން ފާހަގަކުރައްވައެވެ.

ރޭގެ ރަސްމިއްޔާތުގައި ޝަހީމް ވަނީ އައު ސަރުކާރުގެ އިސް މަޤާމަކަށް ވަޑައިގަންނަވާނެތީ، އައިއޯސީސީގެ ރައީސްކަމުން އިސްތިއުފާދެއްވާފައިވާކަންވެސް އިއުލާންކުރައްވާފައެވެ.