ޚަބަރު

"އެމްޑަބްލިޔުއެސްސީ ޔުޓިލިޓީ ސޮލިއުޝަންސް" އިފްތިތާޙް ކޮށްފި


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީން ދެމުންދާ ޔުޓިލިޓީގެ ޚިދުމަތްތައް ރިސޯޓްތަކަށް ފުޅާކުރުމުގެ ގޮތުން 3 ޕެކޭޖެއް ލޯންޗު ކޮށްފިއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި ޕެކޭޖްތައް ލޯންޗް ކޮށްދެއްވީ، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ. "އެމްޑަބްލިޔުއެސްސީ ޔުޓިލިޓީ ސޮލިއުޝަންސް" ނަމުގައި ރިސޯޓްތަކަށް ޚާއްޞަކޮށްގެން ލޯންޗްކުރި ޕެކޭޖްތަކަކީ ފެނާއި ނަރުދަމާ ދާއިރާއާއި، ކަރަންޓްގެ ދާއިރާ، ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ޚާއްޞަ ކުރެވިފައިވާ ޕެކޭޖްތަކެކެވެ.

ބޭސިކް ޕެކޭޖްގައި ހިމެނެނީ ވަކިވަކިން ދެވޭ ފެނާއި ނަރުދަމާއާ، ކަރަންޓުގެ ޚިދުމަތެވެ. އެލީޓް ޕެކޭޖްގެ ދަށުން ރިސޯޓުގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ އިތުރުން ކުނި ނައްތާލުމުގެ ނިޒާމް ޤާއިމް ކުރުން ހިމެނެއެވެ. މީގެ އިތުރުން ބޯނަސް ޕެކޭޖްގައި ހިމަނާފައިވަނީ އޮޕަރޭޝަން އަދި މެއިންޓަނެންސް އަދި ފެން ތަޙުލީލް ކުރުންފަދަ ޚިދުމަތްތަކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒްލު ރަޝީދު ވިދާޅުވީ، މި ޕެކޭޖްތައް އެންމެ ބޮޑަށް އަމާޒު ކުރެވިފައިވަނީ އަލަށް ހުޅުވާ ރިސޯޓްތަކަށް ކަމަށެވެ.