ޚަބަރު

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޑިމޮކްރެޓްސްއަށް ވަނުމުގެ ފުރުޞަތުދީފި


  • ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހޯމަދުވަހު 10:00 ގައި

  • ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށްވެސް މި މައްސަލައަށް ވަނުމުގެ ފުރުޞަތު

  • އިތުބާރުނެތް މައްސަލައަށް ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލިސް ނުގެންދެވޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ތަދައްހުލްވާން ދަ ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ފަރާތުން މި މައްސަލައިގެ ތެރެއަށް ވަންނަން ހުށަހެޅީ، އެ ޕާޓީގެ 9 މެމްބަރުން ވަކިވަކިން އެ ފުރުޞަތަށް އެދުމުން، އެކަން ސުޕްރީމް ކޯޓުން ބަލައިނުގަތުމުންނެވެ. ޑިމޮކްރެޓްސްގެ ވަކިވަކި މެމްބަރުންނަށް ތަދައްހުލް ނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ ދުސްތޫރީ މައްސަލައަކަށް ވާތީއެވެ.

އެހެންކަމުން މިއަދު ބޭއްވި އެ ޕާޓީގެ އިންޓެރިމް ކޮމެޓީގެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ފަރާތުން އެ މައްސަލައަށް ވަންނަން ނިންމައި، ސުޕްރީމް ކޯޓަށް ސިޓީ ފޮނުވައިފައެވެ. ދަ ޑިމޮކްރެޓެސްގެ އިތުރުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލިޝަނުންވެސް މި މައްސަލައަށް ތަދައްހުލްވާން ހުށަހެޅުމުން އެ ފުރުޞަތު ސުޕްރީމް ކޯޓުން ވަނީ ދެއްވާފައެވެ.

މަޖިލީހުގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ ނުވަ މެންބަރުން ތަދައްހުލުވާން ސުޕްރީމް ކޯޓުން ފުރުސަތު ނުދިން ނަމަވެސް، މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވާ ޕީޕީއެމް/ޕީއެންސީއިން އެ މައްސަލައަށް ތަދައްހުލްވާން ހުށަހެޅުމުން އެ ފުރުޞަތު އެ ދެ ޕާޓީއަށް ދޭން ވަނީ ނިންމައިފައެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގެ ޝަރީޢަތުގެ ފުރަތަމަ އަޑު އެހުން ހޯމަ ދުވަހުގެ ހެނދުނު 10:00 ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭތީ މަޖިލީހުގެ ޤަވައިދު މާނަކުރަން ސުޕްރީމްކޯޓަށް ހުށައެޅި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފަރާތުން ވަކާލާތުކުރައްވާނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.