ޚަބަރު

ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފުލެޓާ ގުޅުންހުރި ކަންކަން ކުރިއަށް ނުގެންދިއުމަށް އޭސީސީން އަންގައިފި


  • ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފްލެޓްގެ ކަންކަން ކުރިއަށް ނުގެންދިއުމަށްވަނީ އަންގާފައި

  • މިގޮތަށް އެންގެވީ އެކޮމިޝަނުން މިކަމާ ގުޅޭ މައްސަލައެއް ތަޙްޤީގުކުރަމުން އަންނާތީ

ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފުލެޓާ ގުޅުންހުރި ކަންކަން ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގަވައިފިއެވެ.

އޭސީސީން މިގޮތަށް އަންގަވާފައިވަނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި، ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުޞޫލާ ޚިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަޙުޤީޤުކުރަމުންދާތީ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

އެކޮމިޝަނުންވަނީ މިމައްސަލަ ތަހްޤީގުކުރަމުން އަންނާތީ އެސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓު ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ހައުސިންގ މިނިސްޓްރީއަށް އަންގަވާފައެވެ.

ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ މިނިސްޓްރީދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފްލެޓް ލިސްޓް ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހު ކަމަށެވެ. އަދި ލިސްޓާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް އަންނާތީ ޕޯޓަލް މެދުވެރިކޮށް ޝަކުވާއަށް ހުޅުވާލުމަށް ނިންމަވާފައިވާކަމަށް އަކްރަމްވަނީ ވިދާޅުވެފައެވެ.

"ގެދޮރުވެރިޔާ' ސްކީމަށް ފޯމު ހުށައެޅި 20،697 މީހުންގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަވެއެވެ.