ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ޕޮއިންޓް ދިން އުސޫލާމެދު ހިންހަމަނުޖެހިގެން ގިނަ ބަޔަކު ހައުސިން މިނިސްޓްރީ ދޮށަށް އެއްވެއްޖެއެވެ.
ފްލެޓަށް ޝަރުތު ހަމަވާ މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތުގެ ލިސްޓް ނެރެފައިވަނީ އިއްޔެއެވެ.
ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ މިނިސްޓްރީދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެތެރެއިން ގިނަ މީހުން ބުނަމުންދަނީ، މާކްސް ދީފައިވަނީ ދިރިއުޅުމުގެ ޙާލަތަށް ބެލުމެއް ނެތި، ނުޙައްގުންކަމަށެވެ. އަމިއްލަ މަސްލަހަތު އޮންނަ މީހުންނަށް ފްލެޓްތައް ބަހާލާފައިވާކަމުގެ ތުޙުމަތުވެސް އާއްމުން ދަނީ ކުރަމުންނެވެ.
މިނިސްޓްރީ ދޮށަށް އެއްވި މީހުން ދަނީ، އެމީހުން ދިރިއުޅުމުގެ ހާލަތު ބަޔާންކޮށް އަޑު އުފުލާ، ޙައްޤުވެރިންނަށް ފްލެޓް ދިނުމަށް ގޮވާލަމުންނެވެ. އަދި މިހާރުގެ ލިސްޓް ބާތިލުކޮށް، ޕޮއިންޓް ދިން ގޮތް އަލުން ރިވިއުކުރުމަށްދަނީ ގޮވާލަމުންނެވެ.
މިކަމާއި ގުޅިގެން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފްލެޓް ލިސްޓް ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހު ކަމަށެވެ. އަދި ހޮވާލެވުނު ބައެއް ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ބަލާފައިވާކަމަށެވެ. އަކްރަމް ވިދާޅުވީ، ލިސްޓާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް އަންނަމުންދާތީ، ޕޯޓަލް މެދުވެރިކޮށް ޝަކުވާއަށް ހުޅުވާލުމަށް ނިންމަވާފައިވާކަމަށެވެ.
"މިހާރު އަޅުގަނޑުމެން މިހުޅުވާލަނީ ތި ޝަކުވާތައް ރަސްމީކޮށް ހުށައަޅަން. ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށައަޅަން މިއަދު ހުޅުވާލާނަން." އަކްރަމް ވިދާޅުވިއެވެ.
ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ހައުސިން މިނިސްޓްރީން ފުރަތަމަ އާއްމުކުރެއްވިއިރު، ޕޮއިންޓް ދިން ގޮތުގެ ތަފްސީލު މިނިސްޓްރީން އާއްމުކުރައްވާފައެއް ނުވެއެވެ. ނަމަވެސް އިއްޔެ ނެރުނު ދާއިމީ ލިސްޓާއެކުވަނީ، އެމީހަކަށް ލިބުނު ޕޮއިންޓުގެ އަދަދު ހިމަނާފައެވެ.
ފްލެޓް ލިސްޓް އާއްމުކުރުމާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ. އަދި ހުށަހެޅި މައްސަލަތައް ކޮމިޝަނުން ދިރާސާކުރަމުން އަންނަ ކަމަށާއި، އަވަސްފިޔަވަޅެއް އަޅަން ޖެހޭތޯ ބަލައި އެކަމާމެދު މިއަދު ގޮތެއް ނިންމަވާނެ ކަމަށްވެސް އެކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.
"ގެދޮރުވެރިޔާ' ސްކީމަށް ފޯމު ހުށައެޅި 20،697 މީހުންގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވެއެވެ.
މިނިސްޓްރީން ނެރެފައިވާ ދާއިމީ ލިސްޓާއެކު، މިވަގުތު ސަރުކާރުން ތަރައްޤީކުރަމުންދާ 4000 ފްލެޓް ލިބޭ މީހުން ކަށަވަރުކޮށްފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، މިފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައްކަމަށެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައްކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.