ފާއިތުވެދިޔަ 65 އަހަރު ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ މައްސަލަތަކުގެ އިންސާފު ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ އިންތިގާލީ އިންސާފުގެ އޮފީސް އައު ސަރުކާރު ހުވާކުރާ ދުވަހުންފެށިގެން އުވޭނެ ކަމަށް އެއޮފީހުން ބުނެފިއެވެ.
އިންތިގާލީ އިންސާފު އޮފީހުން ބުނީ ޤާނޫގައި ކަނޑައަޅާފައި އޮތް ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހަށް އޮފީހަށް ހުށައަޅާފައި ހުރި މައްސަލަތައް ނިންމަންޖެހެއެވެ. އެހެންނަމަވެސް ހުުށައެޅުނު މައްސަލަތައް ގިނަވުމާއި މައްސަލަތައް ބަލާ ނުނިމޭތީ އެމުއްދަތު މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް އިތުރު ކުރެއްވިއެވެ. އެމުއްދަތު މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް އިތުރުކުރެއްވީ ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިހާތަނަށް އައިއިރު އެއޮފީހަށް 488 މައްސަލައެއް ހުށައަޅާފައިވާއިރު، މިމައްސަލަތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަ ނިމިފައިވާ ކަމަށާއި އަނެއް މައްސަލަތައް އަދި ނުނިމޭ ކަމަށް އެއޮފީހުން ވިދާޅުވެއެވެ. އެހެންނަމަވެސް ކޮމިޝަން އުވާލުމުން މިހާރު ނުނިމި ހުރި މައްސަލަތަކަށް ހަދާނެގޮތެއް އެއޮފީހުން ހާމައެއް ނުކުރެއެވެ.
އިންތިގާލީ އިންސާފުގެ އޮފީހެއް ގާއިމުކޮށް ގާނޫނީ އޮނިގަނޑެއް ހަދާ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކަށް އިންސާފު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދެވުމަށްޓަކައެވެ.
މީގެ ކުރިން ދައުލަތުގެ އިންތިޒާމުތަކުގެ ތެރެއިން ހިންގާފައިވާ ބޭއިންސާފު އަމަލުތަކަށް ހައްގު ބަދަލެއް ހޯއްދަވައި ދެއްވުމަށް އުފައްދަވާފައިވާ މިފަދަ ކޮމިޝަންތަކުން ރައްޔިތުން ބޭނުންވާ މިންވަރަށް މަސައްކަތްތަކެއް ކުރެވިފައެއްނުވެއެވެ. މިހާތަނަށް މުހިންމު ބައެއް މައްސަލަތައް ނިމިފައި ނުވުމަކީ ކޮމިޝަންތަކާ މެދު ރައްޔިތުން ކުރި އިތުބާރު ގެއްލުނު އެއްސަބަބެވެ.