ޚަބަރު

އެއްވެސް ފަރާތަކުން ކޮމިޝަނުގެ އެއްވެސް މެންބަރަކަށް އިންޒާރުދީފައި ނުވޭ: އޭސީސީ


  • ކޮމިޝަންގެ އެއްވެސް މެމްބަރަކު މިފަދަ މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވޭ

  • ކޮމިޝަނުން ތަހުޤީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން ހަގީގަތް އުޅޭގޮތަށް ވާހަކަ ނުދެއްކުމަށްވަނީ އެދިފައި

އެއްވެސް ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެއްވެސް މެންބަރަކަށް އިންޒާރުދީފައި ނުވާ ކަމަށް އެކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އެކޮމިޝަނުން މިގޮތަށް ހާމަކުރައްވާފައިވަނީ އިންތިޤާލީ މަރުހަލާގައި އޭސީސީން ބައެއް ކަންކަންހުއްޓުވާތީ ކޮމިޝަނުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އިންޒާރުދެއްވާފައިވާ ކަމަށް ކޮމިޝަންގެ މެމްބަރަކާ ހަވާލާދީ ކަމަށްބުނެ ރާއްޖޭގެ މީޑިއާއަކުން ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. އޭސީސީން ވިދާޅުވެފައިވަނީ ކޮމިޝަންގެ އެއްވެސް މެމްބަރަކު މިފަދަ މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވާ ކަމަށާއި އެއީ އެއްވެސް އަސްލެއްނެތް ހަޤީގަތާ ޚިލާފު ދޮގުވާހަކަތަކެއްކަން ކަމަށެވެ.

އޭސީސީން ވިދާޅުވެފައިވަނީ ކޮމިޝަނުގެ އެއްވެސްކަމާކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، ސަރުކާރުގެ އެއްވެސް ވަޒީރަކު، އަދި އިންތިގާލީ ރައީސްގެ އޮފީހުގެ އެއްވެސް ފަރާތަކުންވެސް ކޮމިޝަނުގެ އެއްވެސް މެންބަރަކަށް ގުޅައި އިންޒާރުދީފައި ނުވަތަ ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އިރުޝާދުދީފައި ނުވާ ކަމަށެވެ.

އެހެންކަމުން ކޮމިޝަނުން ތަހުޤީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މިފަދަ ހަޤީގަތެއް ނެތް އަދި ކޮމިޝަނުގެ މުސްތަޤިއްލުކަމާއި، މަސައްކަތްތަކާމެދު އިތުބާރުގެއްލޭފަދަ، ހަޤީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އޭސީސީންވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އަދި މިހާރު ކޮމިޝަނުގައި ތިބި މެންބަރުން ކޮމިޝަނުގެ މަސައްކަތާ 17 މާރިޗު 2022 ގައި ހަވާލުވި ހިސާބުން މިހާތަނަށް މިވި 1 އަހަރާ 7 މަހާ 19 ދުވަހު މަސައްކަތްކޮށްފައިވަނީ ވަކި ފަރާތަކަށް ނުޖެހި ތަޢައްސަބުން އެއްކިބާވެ މިނިވަން ކަމާއެކު ކަމަށްވެސް އޭސީސީން ވިދާޅުވެފައިވެއެވެ.

އަދި ވަކި ފަރާތެއްގެ ރުހުންހޯދަން އެއްވެސް ކަމެއް ކޮމިޝަނުން ކުރައްވާފައި ނޯންނާނެ ކަމަށާއި، ކުރިއަށް އޮތްތާ ވެސް އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

އޭސީސީން ނިންމާ ކޮންމެ ނިންމުމަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ހަމަތަކުގެ މައްޗަށް ތަރުތީބުކުރާ، ދިވެހިގައުމާއި ރައްޔިތުންގެ އާންމު މަސްލަހަތު ހިމާޔަތްކުރުމުގެ އަސާސް ނެގެހެއްޓުމުގެ މައްޗަށް ބައްޓަންކުރާ ނިންމުން ތަކެެއް ކަމަށްވެސް އޭސީސީން ވިދާޅުވެފައިވެއެވެ.