ޚަބަރު

ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ރަންޔޫބީލް އިޙްތިފާލްތަކުގައި އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގެންފި


  • އުއްތަމަ ފަނޑިޔާރު ބަގްލަދޭޝްއަށް ވަޑައިގަތީ ހުކުރު ދުވަހު

  • ބަންލަދޭޝްގެ ޤާނޫނު އަސާސީ ވުޖޫދުވީ 16 ޑިސެންބަރު 1972

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުދާނު ބަންގްލަދޭޝްގެ ޤާނޫނު އަސާސީއާއި އެޤައުމުގެ ސުޕްރީމް ކޯޓަށް 50 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބާއްވާ އިޙްތިފާލުތަކުގެ ނިންމުމުގެ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައިފިއެވެ.

ބަންގްލަދޭޝްގެ ޤާނޫނު އަސާސީއަށާއި ބަންގްލަދޭޝްގެ ސުޕްރީމް ކޯޓަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އައި އިޙްތިފާލުތައް މިހާރު ވަނީ ނިންމާލާފައެވެ.

މިއަދު ހަވީރު ބަންގަލަދޭޝް ވެރިރަށް ޑާކާގައި ބޭއްވި މި ރަސްމިއްޔާތު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުދާނު ޝަރަފުވެރިކޮށްދެއްވީ، ބަންގްލަދޭޝްގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އޮބައިދުލް ހަސަންގެ އެރުވި ދަޢުވަތު ޤަބޫލުފުޅުކުރައްވާ ބަންގްލަދޭޝް ޑާކާއަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މިހާރު ކުރައްވަމުންދާ ރަސްމީދަތުރުފުޅުގެ ތެރެއިންނެވެ.

ބަންގްލަދޭޝްގެ ޤާނޫނު އަސާސީއަށާއި ބަންގްލަދޭޝްގެ ސުޕްރީމް ކޯޓަށް 50 އަހަރު ފުރުމާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވަމުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢްތަސިމް ޢަދުނާނު ދެއްކެވި، ވާހަކަފުޅުގައި ދެ ޤައުމުގެ ދޭތެރޭގައި އޮތް ޒަމާންވީ ގުޅުމާއި، ދެ ޤައުމުގެ މެދުގައި ހުރި އެއްގޮތް އާދަކާތަކާއި، ހަމަތަކާއި ވިސްނުން ގެންގުޅޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައިވެއެވެ.

ބަންގްލަދޭޝްގެ ޤާނޫނުއަސާސީ އެކުލެވިގެން އައިގޮތުގެ ތާރީޙަށާއި، ދިމާވި ގޮންޖެހުންތަކާއި އަދި ދިވެހިރާއްޖޭގައި ޤާނޫނު އަސާސީއެއް ވުޖޫދަށް ގެނައުމަށްޓަކައި ކުރެވުނު ދަތި މަސައްކަތްތާއި އެކަމާ ގުޅޭ ތާރީޙީ ކަންކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

ބަންލަދޭޝްގެ ޤާނޫނު އަސާސީ ވުޖޫދަށް އައީ 16 ޑިސެންބަރު 1972 ގައެވެ. އޭގެ ދެ ދުވަސްފަހު އެ ޤައުމުގެ ސުޕްރީމް ކޯޓު ޤާއިމުކޮށްފައިވަނީ 18 ޑިސެންބަރު 1972 ގައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރު ބަންގްލަދޭޝްއަށް ވަޑައިގަތީ ހުކުރު ދުވަހުއެވެ. އަދި އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދެއްވާފައި ވަނީ ބަންގްލަދޭޝް ސަރުކާރުންނެވެ.