ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖޭއިން ޒުވާން ޓީމެއް


ރާއްޖޭގެ އަންެހެން ބާސްކެޓް ޓީމަށް މިފަހަރުގެ ސާބާ ޗެމްޕިއަންޝިޕް ވެގެންދާނީ ރަނގަޅު ތަޖުރިބާއަކަށް ކަމަށް ޤައުމީ އަންހެން ބާސްކެޓް ޓީމް ކޯޗް އަހުމަދު ނަޒީފް ބުނެފިއެވެ. 

ނޭޕާލްގައި މިމަހު ނަވާވީސް ވަނަ ދުވަހު ފަށާ ސާބާ ޗެމްޕިއަންޝިޕަށް ރާއްޖޭގެ ސީނިއާ އަންހެން ބާސްކެޓް ޓީމް ނޭޕާލްގައި ފަރިތަކުރުންތަށް މިއަދު ކުރިއަށްގެންދިޔައިރު ޓީމްގައި ގިނައިން ހިމެނެނީ ވަރަށް ޒުވާން ކުޅުންތެރިންނެވެ. ކޯޗް ނަޒީފް ބުނީ ރާއްޖޭގެ އަންހެން ބާސްކެޓް ބަދަލުވަމުންދާ މިދަނޑިވަޅުގައި މިމުބާރާތް ވެގެންދާނީ ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ތަޖުރިބާއަކަށް ކަމަށެވެ. އަދި ރަނގަޅު މެޗުތަކެއް މުބާރާތުގައި ލިބޭއިރު ވިސްނުން ހުރީ މެޑަލްއެއް ހޯދަން ކަމަށް ކޯޗް ފާހަގަކުރިއެވެ.

" ވަރަށް ޒުވާން ޓީމެއް މިއޮތީ. ސަރަހައްދުގެ ހުރިހާ ޓީމަކަށްވުރެ ރާއްޖޭގެ ޓީމް ޒުވާން ވާނެ. އަށާރަ އަހަރުން މަތީގެ ތިން ކުޅުންތެރިން ޓީމްގައި ތިބީ. ނަމަވެސް ޓީމެއްގެ ގޮތުގައި ކުޅެ ކާމިޔާބު ހޯދުން އެއީ އަމާޒަކީ" ކޯޗް ނަޒީފް ބުންޏެވެ.

ސާކް ސަރަހައްދުގެ ފަސް ޤައުމު ވާދަކުރާ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ މުބާރާތް ބާއްވާ ޤައުމު ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން ބޫޓާނެވެ.

ލީގު އުސޫލުން ކުރިއަށްދާ މިމުބާރާތަކީ އަންހެނުންނަށް އަމާޒުކޮށްގެން ސައުތު އޭޝިއަން ބާސްކެޓް ބޯލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ ފުރަތަމަ މުބާރާތެވެ.