ވިޔަފާރި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %5.3 އިތުރުވެއްޖެ


މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާ އިރު 5.3 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބްތައް ދައްކާގޮތުން މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް 120,639 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މިދިޔަ އަހަރު ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 120,468 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވަނީ މަދު އަދަދަކުން ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަން އިތުރު ވެފައި ވުމުން، މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވަނީ ދުއިސައްތަ ނަވާވީސް ހާސް ތިރީސް ފަހަކަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.3 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް ފަތުރުވެރިން އެއްމެ ގިނައިން ޒިޔާރަތްކުރާ ޤައުމުކަމަށްވާ ޗައިނާ އިން ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު އަނެއްކާވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވަނީ 20 އިންސައްތަ ދަށަށް ގޮސްފައެވެ.

ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފެބްރުއަރީ މަހު ދަށަށްގޮސްފައިވީ ނަމަވެސް، ރަޝިއާ، އިގިރޭސިވިލާތް، އަދި ޖުމްލަކޮށް ޔޫރަޕްގެ ހުރިހާ ޤައުމަކުންވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.