ޚަބަރު

މިފްކޯއަށް 30 އަހަރު، އައު އަހަރު ފެށީ އައު ލޯގޯއަކާއެކު


  • މިފްކޯއަކީ 1993 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރުގެ މަސް ކުންފުނި

  • ކުންފުނީގެ ލޯގޯ ރީބްރޭންޑްކޮށްފައިވަނީ މިސިނާޢަތް ދައްކުވައިދޭގޮތަށް

  • އިނގިރޭސިން އިން ލޯގޯގައި މިހާރު ހުންނަނީ ދިވެހި ބަސް ބޭނުންކޮށްގެން މަހެއް ރަމްޒުކޮށްދޭގޮތަށް

ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ ލޯގޯ ރީބްރޭންޑްކޮށްފިއެވެ. މިފްކޯއިން ލޯގޯ ރީބްރޭންޑްކޮށްފައިމިވަނީ އެކުންފުނީގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެންނެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ލޯގޯ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ރީބްރޭންޑްކޮށްފައިވީނަމަވެސް ރަސްމީކޮށް ލޯގޯ ބޭނުންކުރަން ފަށާފައިވަނީ އަހަރީ ދުވަހާއި ގުޅިގެންނެވެ. މިފްކޯއިން ބުނީ ކުރިއަށް އޮތްތަނުގައި ރަސްމީ ލިޔެކިޔުންތަކުގައާއި މިފްކޯ ރަމްޒުކުރުމަށް ބޭނުންކުރަމުންދާނީ މިލޯގޯކަމަށެވެ.

މިފްކޯ އުފެއްދި ފަހުން ފުރަތަމަ ފަހަރަށް ލޯގޯ ރީބްރޭންޑްކޮށްފައިވާއިރު މިފަހަރުގެ ލޯގޯގައި މިފްކޯ ލިޔެފައިވަނީ ދިވެހި ބަހުންނެވެ. އަދި ލޯގޯގެ ޑިޒައިނުން މަހެއް ދައްކުވައިދޭގޮތަށްވަނީ ލޯގޯ ފަރުމާކޮށްފައެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ދައްކުވައިދޭފަދަ ލޯގޯއަކަށް ވެގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއަކީ ސަރުކާރުގެ މަސްކުންފުނީގެ ގޮތުގައި 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނީގެ ހަމައެކަނި ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނަފާ ހޯދައިދިނުމެވެ.

ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މިފްކޯ ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ނުކުރެވުނުނަމަވެސް މިވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި މިފްކޯގެ ކެޕޭސިޓީ ފުޅާކުރުމަށް ބޮޑެތި މަޝްރޫޢުތައްވަނީ ފައްޓަވާފައެވެ.

އެގޮތުން މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މަސް ބޯޓުތައް ގަތުމާއި، މިފްކޯގެ ބަނދަރުތައް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. މިހާރު އެކުންފުނީގައި 1692 މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، 4 ސަރަޙައްދެއްގައި މިފްކޯގެ އޮޕަރޭޝަންސްތައް ކުރިއަށްއެބަދެއެވެ. މަސް ކިރުމަށް 14 ބޯޓު އެކުންފުނިންގ ބޭނުންކުރަމުންދާއިރު މިފްކޯގެ 20 އައިސް ޕްލާންޓް މިހާރު ހުރެއެވެ.