ޚަބަރު

ސިއްޙީ ސަބަބުތަކާއި ގުޅިގެން ޝަކީލް ރިޓަޔަރވާން ފުރުޞަތު ދޭން ނިންމައިފި


  • ކްރިމިނަކް ކޯޓުގެ އިސް ޤާޟީކަން ކުރެއްވި

  • މިހާތަނަށް ހުންނެވީ ހައިކޯޓުގެ ފަނޑިޔާރުކަމުގައި

ސިއްޙީ ސަބަބާހުރެ ފަނޑިޔާރުކަމުން ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް، ރިޓަޔަރކޮށްދިނުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ނިންމަވައިފިއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ރިޓަޔަރމެންޓް ޤަވާދުގެ ދަށުން، ފަނޑިޔާރުކަމުން ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރ ކުރެއްވީ، ހިތުގެ ބައްޔެއްކަމަށްވާ "ސިކް ސައިނަސް ސީންޑްރޯމް" އާލާސް ކަންފުޅުގައި އުޅުއްވާތީކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޟީކަމުގައި ހުންނަވަނިކޮށް ހައިކޯޓުގެ ފަނދިޔާރުކަމަށް އައްޔަންކުރެއްވި އަޙްމަދު ޝަކީލް ވަނީ މި އާލާސްކަންފުޅާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޕޭސްމޭކަރ ލައްވާފައިވެއެވެ. މި ބައްޔާހުރެ ފަނޑިޔާރު ޝަކީލަށް މިހާރު ކުރިމަތިވަމުންދާ އުނދާގޫތަކާ ގުޅިގެން ޑޮކްޓަރު ދެއްވާފައިވާ ރެކަމެންޑޭޝަންތަކަށް އެ ކޮމިޝަނުން ބުނެވެފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ. އެކަންކަމަށް ރިޔާޔަތްކޮށް ފަނޑިޔާރު އަޙްމަދު ޝަކީލް ވަކިކުރައްވާފައިވަނީ އެކަމަށް ބޭއްވި ހާއްސަ ޖަލްސާއަކުން، އެ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލު ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވީ ފަނޑިޔާރުކަމުގެ މަސައްކަތުގައި 20 އަހަރުގެ ޚިދުމަތަށްފަހުއެވެ. ސިއްހީ ސަބަބާހުރެ ފަނޑިޔާރުން ރިޓަޔަރކުރުމަކީ ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެކޮމިޝަނުން އަދާކުރަމުންދާ މަސްއޫލިއްޔަތެކެވެ. ސިއްހީ ސަބަބަށްޓަކައި މި އަހަރު މިހައިތަނަށް ހަތަރު ފަނޑިޔާރަކު ވަނީ ރިޓަޔަރކުރައްވާފައެވެ.