ޚަބަރު

ޔުނިސެފް ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުން ފަޒްނާއާއި ބައްދަލުކުރައްވައިފި


  • ޔުނިސެފުންދޭ އެހީއަށް ޝުކުރު އަދާކުރައްވާފައި

  • ޣައްޒާފައި ޙާލުގައި ޖެހިފާ ކުދިންނަށް ޔުނިސެފުން ދެމުންދާ އެހީ ފާހަގަކުރެއްވި

  • އިޖްތިމާޢީ ދާއިރާއިން ފަޒްނާ ކުރައްވާ މަސައްކަތް ފާހަގަކުރެއްވި

ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް، ޑރ.އެޑްވަރޑް އަޑައީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މުލިއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވަނީ، ޔުނިސެފްގެ ފަރާތުން ރާއްޖެއަށް އަބަސްދުވެސް ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އެކަންކަން ބަލައިގަނެ ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުމާއި، ކުޑަކުދިންނާއި ގުޅޭ އުސޫލުތައް ކަނޑައަޅާ، ރާއްޖޭގައި މި ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގައި ޔުނިސެފުން ދެމުންދާ ޚާއްސަ އަހަމިއްޔަތު އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޔުނިސެފާއި ރާއްޖެއާއި ގުޅިގެން، މިދާރާއިން އިތުރަށް ތަރައްޤީ ހޯދުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.

މި ބައްދަލުވުމުގައި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް ޑރ.އެޑްވަރޑް އަޑައީ ވަނީ، މިދާއިރާއިން މިވަގުތު ކުރިއަށްދާ މުހިންމު މަސައްކަތްތަކާއި، ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތްކުރުމުގައި ކުރިއަށް އޮތްތަނުގައި ރާއްޖެއާއި ގުޅިގެން ކުރިއަށްގެންދެވުމަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އެގޮތުން ތުއްތު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ޒުވާނުންނަށް ކުރިމަތިވާ މިފަދަ މައްސަލަތަކާއި، ދުޅަހެޔޮ ސިއްޙަތުގައި ބޮޑުވާ ޖީލެއް ބިނާކުރުމާއި، ކުދިން ރަނގަޅަށް ތަރުބިއްޔަތުކުރުމުގައި އެކި ދާއިރާތަކުގެ ދައުރާއި ގުޅޭގޮތުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ މަޢޫލޫމާތު ޙިއްސާކުރެއްވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ، ޔަހޫދީ އިސްރާއިލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ހާލުގައިޖެހިފައިވާ ކުޑަކުދިންނަށް އެހީވުމަށް ޔުނިސެފުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް ވަނީ، ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތްކުރުމާއި އިޖްތިމާޢީ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ކުރައްވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވާ ހިޔްވަރުދެއްވަވާފައެވެ.