ޚަބަރު

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޕީޕީއެމް/ޕީއެންސީން ވަންނަނީ


  • ދަ ޑިމޮކްރެޓްސްއިން ތަދައްހުލްވާން ނިންމާފައި

  • މަޖިލީހުގައި އެޖްޑާކޮށް މައްސަލަ ކުރިއަށްނުގެންދެވުނު

  • ކޯޓަށް ހުށައެޅި މައްސަލަ ވަނީ ބަލައިގަނެފަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެއްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައަޅަފައިވާ މައްސަލައިގެތެރެއަށް ވަނުމަށް ޕީޕީއެމާއި ޕީއެންސީން ނިންމައިފިއެވެ.

ޕީޕީއެމުން ބުނީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ޕީޕީއެމް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ތަދައްޚުލް ވާން ނިންމާފައިވާ ކަމަށެވެ. ޕީޕީއެމްގެ އިތުރުން ރައީސް ނަޝީދު ނިސްބަތްވެޑައިގަތްނަވާ ޑިމޮކްރަޓްސްއިންވެސް ވަނީ އެ މައްސަލައަށް ތަދައްޚުލްވާން ނިންމާފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލަ ބަލައިގަނެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެމްޑީޕީން ހުށައެޅި މައްސަލާގައި ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީއިން ސުޕްރީމް ކޯޓައް ހުށައަޅައި މިދިޔަ ހޯމަ ދުވަހު އެ ކޯޓުން ވަނީ ބަލައިގެންފައެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހުގެ 6 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ތާވަލުކޮށް، އެ އަޑެހުމަށް މިހާރު ވަނީ ޗިޓް ފޮނުވާފައެވެ.

އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު، ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތަކަށް އެޖެންޑާކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން އެ މައްސަލަ ވަނީ ކުރިއަށް ނުގެންދެވި މަޑުޖެހިފައެވެ.

އެމްޑީޕީން ބުނަމުންދަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.