އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުން، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ޖޫރިމަނާކުރުމަށް ނިންމި ނިންމުން އެ އޮފީހުން އިސްތިއުނާފްކޮށްފިއެވެ.
އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުންވަނީ ޕީޖީ އޮފީސް 10000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރައްވާފައެވެ. އެއޮފީސް ޖޫރިމަނާކުރައްވާފައިވަނީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ބޭނުންވި މަޢުލޫމާތު ޕީޖީ އޮފީހުން ދެއްވާފައިނުވާތީއެވެ. މިމައްސަލައާއި ގުޅޭގޮތުން ޕީޖީ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފޭދޫ ކޯޓުން އެދިވަޑައިގެންނެވި މަޢުލޫމާތަކީ އެއޮފީހަށް ލިބިފައިވާ މަޢުލޫމާތެއް ނޫންކަމަށެވެ. އަދި އެފަދަ މަޢުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާޢުން ހުށަހެޅުއްވުމުން އެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ޕީޖީ އޮފީހުން ކުރައްވާނެކަން ކޯޓުގައި ދަންނަވާފައިވާކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް އެގޮތަށް މަޢުލޫމާތު ހޯއްދެވުމަށް ކޯޓުން ޕީޖީއަށް ހުށައަޅުއްވާފައިނުވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އެ އޮފީހުން ވިދާޅުވީ ކޯޓުން އެދިވަޑައިގަތް މަޢުލޫމާތަކީ، ފުލުހުންގެ މުއައްސަސާއިން ހޯއްދަވަންޖެހޭ މަޢުލޫމާތެއްކަމަށާއި އެމަޢުލޫމާތު ހޯއްދެވުމަށް ކޯޓުން އެމުއައްސަސާއަށް އަމުރެއް ފޮނުއްވާފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގަންނަވާފައިވާކަމަށެވެ. އެހެންކަމުން މިމައްސަލައިގައި ޕީޖީ އޮފީހުން ކޯޓުގެ ޙުރުމަތް ކަނޑާލީކަމަށް ބެލުމަކީ އިންސާފުވެރިގޮތް ކަމަށް ނުވެދާނެތީ ޕީޖީ އޮފީސް ޖޫރިމަނާކުރި މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފްކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ހަމައެއާއެކު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފުވުންކަމުގައި ބަލައި އަދަބެއް ކަނޑައެޅޭނީ "ޝަރީޢަތުގެ މަޖިލީސް ހިނގަމުންދަނިކޮށް" ހިނގާކަމެއްގައި ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ޝަރީޢަތުގެ މަޖިލީހުގެ ތެރޭގައި ނޫން ގޮތަކަށް ދިމާވި ކަމެއްގައި، އެމާއްދާގެ ދަށުން އަދަބު ކަނޑައެޅިގޮތާއި މެދުވެސް ޕީޖީއިންވަނީ ސުވާލު އުފައްދަވާފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އެއޮފީހުގައި ހުރި މަޢުލޫމާތެއް ކޯޓުން އެދިވަޑައިގަތުމުން އެމަޢުލޫމާތު ހިފެހެއްޓުމަކީ ޕީޖީ އޮފީހުން ކުރާނެކަމެއް ނޫނެވެ. އަދި ޤާނޫނީ ސަބަބަކާހުރެ އެއްވެސް މަޢުލޫމާތެއް ސިއްރުކުރަން އެދޭނަމަ، އެކަންކުރަނީ، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއް ލިބިގެންކަމަށެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލަ އިސްތިއުނާފްކުރުމަށް ޕީޖީ މީހާރުވަނީ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ.