ތަޢުލީމު

ރެޑީ ކޭމްޕް- ދަރިވަރުންގެ ކުރިމަގަށް މުހިންމު ޙަރަކާތެއް


ރެޑީ ކޭމްޕަކީ ފުރާވަރުގެ ކުދިން، ކުށުގެ ވެށިން ދުރުކޮށް ޒިންމާދާރު އަދި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމާއި، ޤައުމީ މަސައްކަތުގައި އެކުދިން ބައިވެރިވުން އިތުރުކުރުމަށްޓަކައި، ފުލުހުން ކުރިއަށް ގެންދަވާާ ކޭންޕެކެވެ.

މިހާތަނަށް މިފަދަ 34 ކޭމްޕެއްވަނީ ހިންގަވާފައިވެއެވެ. ރެޑީ ކެންޕާއި ގުޅޭ ގޮތުން މަޢުލޫމާތުދެއްވަމުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޑެޕިއުޓީ ހެޑް އޮފް ޕަބްލިކް އެފެއާރސްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ފާތުމަތު ނަޝްވާ ވިދާޅުވީ މި ޕްރޮގްރާމް ކުރިޔަށް ގެންދަވަަނީ 3 އަސާސެއްގެ މައްޗަށްކަމަށެވެ.

ނަޝްވާ ވިދާޅުވީ ރެޑީ ކޭމްޕްގެެ ސަބަބުން މުޖްތަމަޢަށް އޭގެ އެދެވޭ އަސަރު ކުރާ ކަމަށެވެ. މި ކޭމްްޕްގެ ސަބަބުން ކުދިންނާއި ބެލެނިވެރިންގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުދިންނަށް ނޭނގިނަމަވެސް ކުރެވޭ ނުރަނގަޅު އާދަތައް އެނގި، ރަނގަޅު ކުރުމުގެ ފުރުސަތުލިބެއެވެ. މުޖުތަމަޢުން މިހާރު ނެތެމުންދާ އެއް އާދަކަމުގައިވާ އިޙްތިރާމް ކުރުމުގެ އާދަ މި ކޭމްްޕްގެ ޒަރިއްޔާއިން އަށަގެންނެވުމަށްޓަކައި މަސައްކަތް ކުރައްވާކަމަށާއި އޭގެ އެދެވޭ ނަތީޖާ ފެންނަމުންދާކަން ވެސް ނަޝްވާ ފާހަގަކުރެއްވިއެވެ.

ސްކޫލުކުދިންގެ އިތުރުން ބެލެނިވެރިންނާއި ޓީޗަރުންނަށް އަމާޒުކުރައްވައިގެންވެސް ހުނަރު ދަސްކޮށްދެއްވުމުގެ ޙަރާކާތްތަކެއް މި ޕްރޮގްރާމްގެ އަލީގައި ވަނީ ކުރިޔަށް ގެންދަވާފައެވެ. ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދެއްވުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް މި ކޭމްޕްގައި ކުރިއަށްގެންދަވައެވެ.

ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށްޓަކައި ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް މިކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދެއްވައެވެ. އަދި އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ދެއްވުމުގެ އިތުރުން މަދްރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް މަޢުލޫމާތުދެއްވައެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދީ، ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް މި ކޭންޕް ގެ އަލީގައި ވަނީ ދެއްވާފައެވެ.

މި ކޭންޕަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓާއި އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ހޭންޑް އިން ހޭންޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދަވާާ ކޭންޕެކެވެ. މި ކޭންޕަކީ ގްރޭޑް އަށަކަކުން ފެށިގެން ދިހައެއްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދަވާ ކޭމްްޕެކެވެ. މިކޭމްޕް ފައްޓާފައިވަނީ 2013 ވަނައަހަރުގައެވެ.