ޚަބަރު

މާދަމާގެ ޖަލްސާގެ އެޖެންޑާއާ ގުޅިގެން އެމްޑީޕީގެ ސިޓީއެއް މަޖިލީހަށް


  • މަޖިލީހުގެ މިހަފްތާގެ ފުރަތަމަ ދެޖަލްސާގައިވެސްވަނީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށްފައި

  • މިދެޖަލްސާވެސް ކެންސަލްކޮށްފައިވަނީ މަޖިލީސް ނައިބު އީވާ ސަލާމުގައި ހުންނެވުމުން

  • އަންގާރަދުވަހު ބާއްވާ ޖަލްސާގެ އެޖެންޑާގައި ރައީސް ނަޝީދުގެ އިތުބާރު މައްސަލަ ހިމަނާފައި ނުވޭ

  • އެޖެންޑާ ބަދަލުކޮށްދެއްވުމަށް އެމްޑީޕީ ޕީޖީ ލީޑަރުވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ޖަލްސާގެ އެޖެންޑާ ބަދަލުކޮށްދެއްވުން އެދި އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް ލީޑަރު މުޙައްމަދު އަސްލަމް މަޖިލީހުގެ އަމީން ޢާންމަށް ފޮނުއްވި ސިޓީގައިވަނީ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާ ބަދަލުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު މިގޮތަށް އެދިވަޑައިގެން ފޮނުއްވި ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާފައިވާނަމަ، އެމައްސަލަ އެންމެ އަވަހަށް އޮންނަ މަޖިލީސް ޖަލްސާއަށް އެޖެންޑާ ކުރުމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި އެމްޑީޕީން ހުށައަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މިމައްސަލައިގައި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ސަލާމުގައި ހުންނެވުމުގެ ސަބަބުން އާދިއްތަ ދުވަހަށް އެޖެންޑާކުރި މިމައްސަލަ ކުރިއަށް ނުގެންދެވި މަޖިލީހުގެ ޖަލްސާ ނިންމާލާފައިވާއިރު ހޯމަ ދުވަހު ޖަލްސާގެ އެޖެންޑާގައި މަޖިލީސް ގަވާއިދާ އެއްގޮތަށް މިމައްސަލަ އެޖެންޑާކޮށްފައިވާކަންވަނީ ސިޓީގައި ފާހަގަކުރައްވާފައެވެ.

މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ ފޮނުއްވުމަށްފަހު އެޖަލްސާ ކެންސަލް ވީކަން ހެނދުނު މަޖިލީހުގެ މެމްބަރުންނަށް އަންގާފައިވާއިރު އެޖަލްސާ ކެންސަލްކުރައްވާފައިވަނީ މަޖިލީހުގެ ގަވާއިދުގެ ކޮންމާއްދާއެއްގެ ދަށުންކަމާއި އެޖަލްސާ ކެންސަލްކުރައްވަން ނިންމެވީ ކޮންބޭފުޅޭއްކަން އަންގަވައިދެއްވުމަށް އެދިވެސް އެމްޑީޕީން ވަނީ އިތުރު ސިޓީއެއް ފޮނުއްވާފައެވެ.

މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިމަނައިދެއްވުމަށް އެމްޑީޕީން އެދިފައިވާއިރު، މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ޑެންގީއަށް ޕޮޒިޓިވްވެފައިވާކަން މަޖިލީހަށްވަނީ އާދިއްތަ ދުވަހު އަންގަވާފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލަ މަޖިލީހުގެ ކުރިއަށް އޮތް ޖަލްސާއަށް އެޖެންޑާ ކޮށްފައިނުވަނީވެސް މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާއި އުޅުއްވާތީ އެޖަލްސާއަށް ވަޑައިނުގަންނަވާނެކަން މަޖިލީހަށް އަންގަވާފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގައި ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިނިސްޓްރީ އޮފް ފިނޭންސުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަޅަންޖެހެއެވެ. މިގައިވާއިދުގެ ދަށުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް ލިބޭ އެންމެ ފަހު ދުވަހަކީ އަންގާރަ ދުވަހެވެ.