ޚަބަރު

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު، ސިވިލް ކޯޓުގެ އިސް ޤާޟީއަކަށް މަރްޔަމް ވަޙީދު


  • ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަންގެ ރައީސް ޙިސާން ޙުސައިން

  • ޝަހީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވީ 2018

  • މަރްޔަމް ވަޙީދު ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވީ 2013

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސް ޤާޟީކަމަށް އަލްއުސްތާޛާ މަރްޔަމް ވަޙީދު އައްޔަން ކުރައްވައިފިއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސް ޤާޟީކަމަށް އަލްއުސްތާޛާ މަރްޔަމް ވަޙީދު ހަމަޖެއްސެވުމަށް ޖޭއެސްސީން ނިންމެވީ މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައެވެ. މިއަދު ވަނީ މި ދެ ބޭފުޅުންވެސް މަޤާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ. އެލިޔުން ފަނޑިޔާރުންނަށް ހަވާލުކޮށްދެއްވީ ޖުޑީޝްލަ ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންއެވެ.

ސިވިލް ކޯޓުގެ އިސްޤާޟީކަމަށް ޢައްޔަންކުރެއްވި އަލްއުސްތާޛާ މަރްޔަމް ވަޙީދަކީ އެ ކޯޓުގެ އިސްޤާޟީކަމަށް އައްޔަން ކުރި ފުރަތަމަ އަންހެން އިސްޤާޟީއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދުއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ބެޗެލަރސް ޑިގްރީ އިން ޝަރިޢާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. 2014 ނޮވެމްބަރު 26 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދުއަކީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛު ޙުސައިން ޝަހީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުގެ އިސްޤާޟީކަމަށް ޢައްޔަންކުރެއްވި އަލްއުސްތާޛާ މަރްޔަމް ވަޙީދު އަކީ ވިލާ ކޮލެޖްއިން މާސްޓަރސް އޮފް ޝަރީޢާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗެލަރސް އޮފް ލޯސް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. 2016 އޭޕްރީލް 13 ގައި ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރެވުމުގެ ކުރިން އަލްއުސްތާޛާ މަރްޔަމް ވަޙީދުވަނީ ކ. ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައެވެ. އަލްއުސްތާޛާ މަރްޔަމް ވަޙީދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނީ 2013 ޖަނަވަރީ 08 ވަނަ ދުވަހުއެވެ.