ވިޔަފާރި

މިއަހަރު 23 ރަށެއް ވަރުވާއަށް ދޫކުރަނީ


މިއަހަރުގެ  ތެރޭގައި 23 ރަށެއް ވަރުވާއަށް ދޫކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

މިއީ، މިދިޔަ އަހަރު އެ މިނިސްޓްރީން ވަރުވާއަށް ދޫކުރެއްވުމަށް އިޢުލާންކުރެއްވި 27 ރަށުގެ ތެރެއިން 23 ރަށް ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ރަށްތައް ވަރުވާއަށް ދިނުމަކީ ޒަމާނުއްސުރެ ކުރައްވަމުން އަންނަ ކަމެކެވެ. ވަރުވާއަށް ރަށްތައް ދޫކުރައްވަނީ ފަޅުރަށްރަށުގެ ގުދުރަތީ ވެއްޓަށް ބަދަލުނުގެނެސް ފަޅުރަށްތައް ބެލެހެއްޓުމަށާއި، ރަށްތައް ޙިމާޔަތްކުރުމުގެ މަޤްސަދުގައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި 966 ފަޅުރަށް ރަޖިސްޓްރީ ކޮށްފައިވެއެވެ. މީގެ ތެރެއިން 118 ފަޅުރަށް ވަރުވާއަށްވަނީ ދޫކުރައްވާފައެވެ. މިގޮތަށް ދޫކުރައްވާފައިވާ ރަށްތައް އެމިނިސްޓްރީން ކޮންމެ ހަތަރު މަހަކުން މޮނިޓަރ ކުރައްވާާއިރު، ވަރުވާ އަށްދޭ އަގަށްވެސް ވަނީ ބަދަލުގެންނަވާފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޑެޕިޔުޓީ މިނިސްޓަރ ޝަޒައިލް ޝިޔާމް ވިދާޅުވީ ކުރިން ރަށެއްގެ ކުޑަ ބޮޑުމިނަށް ބަލާ، އަގުތައް ކަނޑައެޅުއްވި ނަމަވެސް މިހާރު ވަރުވާއަށް ދޫކުރާ ރަށެއްގެ އަގުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އެންމެ ދަށް މިންގަނޑަކީ އަހަރަކަށް، އަކަފޫޓަކަށް، 5 ލާރިކަމަށެވެ. އެމިނިސްޓްރީން މިދިޔަ އަހަރުވަނީ ރ، އަތޮޅާއި ވ.އަތޮޅުން ފަޅުރަށްތައް ވަރުވާއަށް ދޫކުރެއްވުމަށް އިޢުލާން ކުރައްވާފައެވެ. އަދި މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ މިރަށްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ރަށްތައް ދޫކުރެއްވުމުގެ މަސައްކަތްކަމަށް އެމިނިސްްޓްރީން ވިދާޅުވެއެވެ. މި ރަށްތައް އެގްރިމެންޓްކުރުމާއި ހަމައަށް އައީ ދެފަހަރެއްގެ މަތިން ވަރުވާއަށް ދޫކުރެއްވުމަށް އިޢުލާނުކުރެއްވުމަށްފަހުގައެވެ.

ވަރުވާއަށް ދޫކުރެވޭނީ ދައުލަތުގެ ބޭނުމަކަށް ކަނޑައަޅުއްވާފައިވާ ފަޅުރަށާއި، ކުއްޔަށްދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި، ފިޝަރީޒް މިނިސްޓްރީގެ ޙަވާލުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން، ވަރުވާއަށް ދޫކުރެއްވުމަށް މިނިސްޓްރީއިން ކަނޑައަޅާ ރަށްތަކެވެ. އަދި ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނީ، އުމުރުން އަށާރަ  އަހަރުވެފައިވާ ދިވެހިރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ކަމަށް ފަޅުރަށްތައް ވަރުވާއަށް ދޫކުރެއްވުމުގެ އުސޫލުގައިވެއެވެ.

ވަރުވާއަށް ދެއްވާފައިވާ ފަޅުރަށެއް، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނާއި ނުވަތަ ޤަވާއިދާއި ނުވަތަ އެފަޅުރަށެއް ވަރުވާއަށް ދިނުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން، އެފަޅުރަށެއް ދެއްވާފައިވާފަރާތަކުން ވަކިކޮށްފިނަމަ، ފަޅުރަށް ވަކި ކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ވަންދެން އެފަރާތަކަށް އަލުން ފަޅުރަށެއް ވަރުވާގެ ގޮތުގައި ނުދެވޭނެ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. ފަޅުރަށްރަށުގެ ވަރުވާގެ ގޮތުގައި ކަނޑައަޅުއްވާ ފައިސާއަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ގަޑުކޮށްނެގޭ ފައިސާއެކެވެ. ފަޅުރަށްރަށް ވަރުވާއަށް ދެއްވާ އެންމެ ދިގު މުއްދަތަކީ 10 އަހަރެވެ.