ޚަބަރު

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ފިލްމު ފެސްޓިވަލެއް


  • ހުކުރު ދުވަހު ހަވީރު ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވާފައި

  • ޖަމްބަލް ސޭލްއެއްވެސް ވަނީ ކުރިއަށްގެންގޮސްފައި

  • އޮލިމްޕަހާއި ޝްވެކް ސިނަމާގައި ދިވެހި ފިލްމުތަކެއް އަޅުވާނެ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ފިލްމީ ފަންނާނުން އިސްނަގައިގެން ހިންގާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން އޮލިމްޕަހާއި ޝުވެކް ސިނަމާގައި ދިވެހި ފިލްމު ފެސްޓިވަލެއް ފަށައިފިއެވެ.

އިސްރާޢީލްގެ ޔަހޫދީން، ފަލަސްޠީންގެ ރައްޔިތުންނަށް ދެމުން އަންނަނަ ލާއިންސާނީ ހަމަލާތަކުގައި އެތަކެއްބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް ބަޔަކު ޒަޚަމްވެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖައްސާފައެވެ. ފަލަސްޠީންގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައިވެސް އަންނަނީ ތަފާތު ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. އަދި އެ ހަރަކާތްތަކުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށެވެ. މިގޮތުން ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންވެސް އަންނަނީ ފަލަސްޠީންގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

"އިންސާނިއްޔަތަށް ޓަކައިި" ނަމުގައި ފަލަސްތީނަށް އެހީތެރިވުމަށްޓަކައި ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަންނާނުންވެގެން ކުޑަކުދިންގެ ހަވީރެއް ވަނީ މިދިޔަ ހުކުރު ދުވަހު ބާއްވާފައެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ރޭ ވަނީ އާޓިފިޝަލް ބީޗްގައި ޖަމްބަލް ސޭލް އެއްވެސް ބާއްވާފައެވެ. އަދި އެކި ސަރަހައްދުތަކުގައި ވަނީ ފަންޑު ފޮށިތައްވެސް ބަހައްޓާފައެވެ. މި އިވެންޓުތަކުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނަށް ހަދިޔާކުރަން ނިންމާފައިވާއިރު ތަރިންގެ ބޮޑު އިވެންޓް ހަފްތާއެއްހާ ދުވަހަށް ދެމިގެންދާނެއެވެ. އެގޮތުން ދިވެހި ފިލްމީ ތަރިން އިސްނަގައިގެން ކުރިން ރިލީޒްކޮށްފައިވާ ފިލްމުތަކެއް އޮލިމްޕަހުގައި އަޅުވަން ވަނީ ފަށާފައެވެ.

އަދި ބައިސްކޯފުން އިސްނަގައިގެން ހުޅުމާލޭ އަދި މާލޭ ޝްވެކް ސިނަމާގައި ވެސް މި ފިލްމުތައް އަޅުވަން ވަނީ ނިންމާފައެވެ. މި ފިލްމު ފެސްޓިވަލުގައި އަޅުވާނެ ދިވެހި ފިލްމުތަކަކީ ފަތިސް ހަނދުވަރު، ޔޫސުފް، ދިލަކަނި، ހެހެސް، އަމާނާތް، އިނގިލި، އުދަބާނީ، ބަވަތި، އަދި ވާށޭ މަށާ އެކީ" ހިމެނެއެވެ. ފިލްމެއްގެ ޓިކެޓް ވިއްކަނީ 100 ރުފިޔާއަށެވެ. ފިލްމު ފެސްޓިވަލުން ލިބޭ ފައިސާ ވެސް ފަލަސްތީނަށް ހަދިޔާކުރަން ވަނީ ނިންމާފައެވެ.

ޝްވެކް ސިނަމާގައި ހަތަރު ފިލްމެއް ދައްކަން ނިންމާފައިވެއެވެ. އެއީ މާމުއި "ވިޝްކާ، ނިވައިރޯޅި އަދި ބޮސް މި ފިލްމުތަކެވެ. މި ފިލްމުތައް ހުޅުމާލެ އަދި މާލޭގައި ހުންނަ ޝްވެކް ސިނަމާގައި އަޅުވަން ވަނީ ނިންމާފައެވެ. ފިލްމް އެސޯސިއޭޝަނުންވަނީ މާލޭ ކައިރީ ރަށްތަކުގައި ވެސް އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަދި ހުޅުމާލޭގައި ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްޓަކައި އެ އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތަރިންގެ ފެސްޓިވަލެއް މިހާރު ބާއްވަމުން އަންނައިރު ފިލްމީ ތަރި ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް ގެނެސްދިން ފިލްމު "ކަޅަކި" ގެ އެއް ޝޯއިން ލިބުނު ފައިސާ ފަލަސްތީނަށް ހަދިޔާ ކުރަން ވަނީ ނިންމާފައެވެ.

ފަލަސްތީނަށް އެހީތެރިވުމަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ "އިންސާނިއްޔަތަށްޓަކައި" ކެމްޕޭނުގެ ދަށުން މާލެއާއި ހުޅުމާލޭގެ ގޭގެއަށް ގޮސް މަސައްކަތް ހޯދައިގެން ފައިސާ ހޯދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.

މި ހަރަކާތްތަކުގެ އިތުރުން މި ހަފުތާގެ ހުކުރު ދުވަހު ފިލްމު އެސޯސިއޭޝަނާއި ސްޕޯޓްސް ފިޝިން ކޮމިއުނިޓީ ގުޅިގެން މަސްރޭހެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ. މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އެ އެސޯސިއޭޝަނުން ވަނީ ހުޅުވާލައިފައެވެ. މަސް ރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ވެސް 9911000 އަށް ގުޅައިގެން ބައިވެރިވެވޭނެއެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެ މަސް ރޭހުގައި ބާނާ ހުރިހާ މަހެއް އެރޭ ވިއްކުމަށްފަހު ލިބޭ ހުރިހާ ފައިސާއެއް ވެސް ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ ފަލަސްޠީންއަށެވެ.