މިއީ ތުއްތު ތުއްތު ޢަދިއްޔު އަބޫ މުޙުސިންގެ ވާހަކައެވެ. ޢަދިއްޔަކީ، އެމެރިކާގެ އެހީތެރިކަމާއި ވާގިވެރިކަމާ އެކު ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގައި އެންމެ ފަހުން ފުރާނަ ގެއްލުނު އެއް ކުއްޖާއެވެ. ރެޔާއި ދުވާލު މެދުކެނޑުމެއް ނެތި ޣައްޒާގެ ޢާންމުން ދިރިއުޅޭ ގެދޮރަށް ބޮން އަޅަމުން ގޮސް، ޔަހޫދީ ފައުޖުތަކުން މި ވަނީ ޢަދިއްޔުގެ ލޭ ވެސް އޮހޮރުވައިލާފައެވެ. ފުރާނަ ނަގައިލާފައެވެ. ޝަހީދު ކޮށްލާފައެވެ.
ޢަދިއްޔު މި ދުނިޔެއަށް އެންމެ ފުރަތަމަ ނޭވާލީ އިއްޔެއެވެ. އޭނާއަށް އެންމެ ފުރަތަމަ ވެސް އިވޭނެ އެއް އަޑަކީ ޔަހޫދީ ފައުޖުތަކުގެ ބޮންތަކުގެ އަޑެވެ. ބާރު ގޮވުންތަކުގެ އަޑެވެ. ޒަޚަމު ކޮށްލާފައިވާ މީހުންގެ ހަޅޭކުގެ އަޑެވެ. މަރަށް ތެޅެމުންދާ މުސްލިމުންގެ ވޭނުގެ އަޑެވެ. ޝަހީދު ކޮށްލާފައިވާ 8,000 އަށްވުރެ ގިނަ މީހުންގެ ޢާއިލާގެ މެންބަރުންގެ ކެކުޅުމުގެ އަޑެވެ. މައިންބަފައިން ޝަހީދުވެ، މައުސޫމު ވެފައިވާ ތުއްތު ކުދިންގެ ރުއިމުގެ އަޑެވެ.
ނަމަވެސް، ޢަދިއްޔަށް މި އަޑުތައް އިވުނީ މަދު ހިނދުކޮޅަކަށެވެ. ޖައްބާރު ޔަހޫދީ ފައުޖުތަކުގެ ރަޙުމު ކުޑަ ހަމަލައެއްގައި ތުއްތުތުއްތު ޢަދިއްޔުގެ ފުރާނަ ވަނީ ނަގައިލާފައެވެ. އޭނާއަށް މި ދުނިޔެ މަތީގައި ނޭވާލުމުގެ ފުރުޞަތު ލިބުނީ މަދު ގަޑިއިރުތަކަކަށެވެ. އޭނާގެ އެންމެ ފަހު ނޭވާ މި ދުނިޔެ މައްޗަށް ދޫކޮށްލާފައި އެ ވަނީ، އުންމީދުން ފުރިފައިވާ ޙަޔާތެއް ފެށިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ. އޭނާގެ އުމުރަކީ އެންމެ ދުވަހެކެވެ. ދުނިޔެ މަތީގައި އެންމެ 24 ގަޑިއިރު ހޭދަކޮށްލުމުގެ ފުރުޞަތު ވެސް ޒަޔަނިސްޓު އިސްރާޢީލުން ޢަދިއްޔަށް ނުދިނެވެ.
ޢަދިއްޔުގެ މި ވާހަކަ މުޅި ދުނިޔެއާ ހިއްސާ ކުރީ ޣައްޒާގައި ހަރަކާތްތެރިވާ ނޫސްވެރިއެއް ކަމުގައިވާ ބިލާލް ޚާލިދެވެ. އޭނާ ސޯޝަލް މީޑިޔާއަށް ދޫކޮށްލާފައި ވަނީ ޢަދިއްޔުގެ ކަފުނުގެ ފޮޓޯއެކެވެ. ޢަދިއްޔު ކަފުން ކޮށްފައިވާ ފޮތިގަނޑުގައިވާ ލިޔުންކޮޅާ އެކުގައެވެ. އޭގައި އޮތީ މިހެނެއެވެ.
"ޢަދިއްޔު އަބޫ މުޙުސިން: އޭނާގެ އުމުރަކީ އެންމެ ދުވަހެއް. އޭނާއަށް އުފަން ދުވަހުގެ ސެޓްފިކެޓް ދޫކޮށްފައެއް ނުވޭ. ނަމަވެސް، އޭގެ ކުރިން އޭނާ މަރުވި ކަމުގެ ސެޓްފިކެޓް އެ ވަނީ ދޫކޮށްފައި."
މިއީ، ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ 3,300 އަށްވުރެ ގިނަ ކުދަކުދިންގެ ތެރެއިން އެންމެ ކުއްޖެއްގެ މުޅި ހަޔާތާ ބެހޭ ކުޑަ ވާހަކަ ކޮޅެކެވެ. ހިތްދަތި ކަމާއި މޮޅިވެރި ކަމުން ފުރިގެންވާ ވާހަކައެކެވެ. މިއީ، ޣައްޒާގެ ކުޑަކުދިން ދިރިއުޅެމުންދާ ހާލާއި، ކުރިމަތިލާން ޖެހިފައިވާ ނާމާން ކަމާއި ބިރުވެރި ކަމުގެ ކުޑަ މިސާލެކެވެ.