ކުޅިވަރު

ކްރިކެޓް ވޯލްޑް ކަޕް: އޮސްޓްރޭލިއާ އާއި ނެދަލަންޑްސްއަށް މޮޅެއް


އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުތަކުން އޮސްޓްރޭލިއާ އާއިު ނެދަލަންޑްސް މޮޅުވެއްޖެއެވެ.

ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމުގައި އިއްޔެ ކުޅުނު މެޗުން އޮސްޓްރޭލިއާ މޮޅުވީ ނިއު ޒީލަންޑާ ވާދަކޮށް ފަސް ލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ގުރު ދިމާވުމުން ނިއު ޒީލަންޑުން ނިންމީ ހޮވުމަށެވެ. އެއާއެކު އޮސްޓްރޭލިއާ އެންމެ ފުރަތަމަ ކުޅެން އަރައި 49.2 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 388 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 67 ބޯޅައިން 109 ލަނޑު ހެދި ޓްރޭވިސް ހެޑްއެވެ. މި އިނިންގްސްގައި ނިއު ޒީލަންޑުގެ ޓްރެންޓް ބޯލްޓް އާއި ގްލެން ފިލިޕްސް ވަނީ ކޮންމެ އުކުންތެރިއަކު ތިން ވިކެޓް ނަގާފައެވެ.

ޖަވާބުގައި ނިއު ޒީލަންޑް ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 383 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 89 ބޯޅައިން 116 ލަނޑު ހެދި ރަޗިން ރަވިންދްރާއެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ އެޑަމް ޒަމްޕާ ވަނީ 10 އޯވަރުގައި 74 ލަނޑަށް ތިން ވިކެޓް ނަގާފައެވެ.

މީގެ އިތުރުން ކޮލްކަތާގައި ހުންނަ އެޑެން ގާޑެންސް ސްޓޭޑިއަމުގައި އިއްޔެ ކުޅުނު މެޗުން ނެދަލަންޑްސް މޮޅުވީ ބަންގްލަދޭޝްއާ ވާދަކޮށް 87 ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ނެދަލަންޑްސް އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 229 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 89 ބޯޅައިން 68 ލަނޑު ހެދި ޓީމުގެ ކެޕްޓަން ސްކޮޓް އެޑްވާޑްސްއެވެ.

ޖަވާބުގައި ބަންގްލަދޭޝް ކުޅެން އަރައި 42.2 ވަނަ އޯވަރުގައި ހުިރހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 40 ބޯޅައިން 35 ލަނޑު ހެދި މެހިދީ ހަސަންއެވެ. މި އިނިންގްސްގައި ނެދަލަންޑްސްގެ ޕައުލް ވެން މީކެރެން ވަނީ އަށް އޯވަރުގައި 23 ލަނޑަށް ހަތަރު ވިކެޓް ނަގާފައެވެ.

މި ނަތީޖާތަކާއެކު 10 ޤައުމު ވާދަކުރާ މި މުބާރާތުގެ ތާވަލުގެ ތިންވަނައިގައި އޮތް ނިއު ޒީލަންޑާއި ހަތަރުވަނައިގައި އޮތް އޮސްޓްރޭލިއާއަށް ވަނީ ކުޅުނު ހަ މެޗުން އަށް ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ އަށްވަނައިގައި އޮތް ނެދަލަންޑްސްއަށް ހަ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ނުވަވަނައިގައި އޮތް ބަންގްލަދޭޝްއަށް ހަ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.