ކުޅިވަރު

ޗެމްޕިއަން އުރީދޫ އެއްވަރު، ދިރާގާއި އެމްއެންޑީއެފް އެންއޭސީއަށް ރަނގަޅު ފެށުމެއް


ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް ނުވަވަނަ ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އުރީދޫ ކުޅުނު މެޗު އެއްވަރުވިއިރު، ދިރާގާއި އެމްއެންޑީއެފް އެންއޭސީން ފެށުން ރަނގަޅުކޮށްފިއެވެ.

އުރީދޫ އެއްވަރުވީ އެސްޓީއޯއާއި ވާދަކޮށްގެންނެވެ. މުބާރާތުގެ ޓޮޕް ފޭވަރިންޓުންގެ ގޮތުގައިވެސް އޮތް އުރީދޫ އަށް އެސްޓީއޯ ކައިރިން މޮޅުނުވެވުނީ މެޗުގެ އެންމެ ފަހު ފަސް މިނެޓުތެރޭގައި އެސްޓީއޯއިން ކާމިޔާބުކުރި ޕެނަލްޓީންނެވެ. މެޗު ނިމިގެންދިޔައީ 3-3 އިން އެއްވަރުވެގެންނެވެ. މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗަށް މިމެޗު ވެގެން ގޮސްފައިވާއިރު ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާ ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްގައެވެ.

ދެޓީމުގެ ފަރާތުންވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެޗުގައި ޒުވާން ހުނަވެރި ކުޅުންތެރިގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ދެ ގޯލް ޖަހާ ލީޑް ނެގީ އުރީދޫއިންނެވެ. މިދެގޯލްވެސް ކާމިޔާބު ކުރީ ހުސެއިން ޝަރީފެވެ. އުރީދޫގެ ދެ ގޯލަށްފަހު އެސްޓީއޯއިން ވަނީ ކުޅުން ރަނގަޅުކޮށް ގާތް ގާތުގައި ދެގޯލް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ދެގޯލް ކާމިޔާބުކޮށްދިނީ އަލީ ސިނާހު އާއި، އަހުމަދު މުހައްމަދެވެ.

އުރީދޫއިން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގީ ޖުމައްޔިލް ޖަމީލް ޖެހި ގޯލަކުންނެވެ. ނަމަވެސް މެދު ނިމެމުން ދަނިކޮށް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން އުރީދޫ ހުއްޓުވީ ހަސަން މުހައްމަދު ޖެހި ގޯލުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ހަސަން މުހައްމަދެވެ.

ދިރާގު ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ އަފީފުއްދީން އެސްއާރުސީ ކޮޅަށް 8 ލަނޑު ޖަހައިގެންނެވެ. މި މެޗުގައި ދިރާގުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. މެޗުގައި އެސްއާރުސީއަށް ދިރާރުގެ ހަލުވި ކުޅުންތެރި ހުއްޓުވުމަށް ފަސޭހައެއް ނުވިއެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްސެލް ކުޅޭ ކުޅުންތެރިން ހިމެނޭ ދިރާގުން ވަނީ މެޗުގެ ކޮންމެ ހާފެއްގައި 4 ގޯލު ޖަހާފައެެވެ.

މެޗުގައި ދިރާގުގެ ރިމާހު ވަނީ 4 ގޯލު ކާމިޔާބުކޮށްދީފައެވެ. ދެން ޖެހި ހަތަރު ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ޝަނީޒާއި، މުހައްމަދު ރިފާއު، އީގާން އަބްދުލް މަޖީދު އަދި އަބްދުލް ހަންނަނާން މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ރިމާހެވެ. މިމެޗުގައި އެސްއާރުސީގެ ދެ ކުޅުންތެރިންނަށާއި، ދިރާގުގެ ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މުޅި މެޗުވެސް ޑޮމިނޭޓްކޮށް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ދިރާގުންނެވެ.

މީގެއިތުރުން އެމްއެންޑީއެފް މޮޅުވީ ކޭސީސީއާރުސީ އާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާ ރީތި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގައި އެމްއެންޑީއެފްއަށް ތައުމީން ނޫހު ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. އަނެއް ދެގޯލް ޖެހީ ހުސެއިން ހާފިޒާއި، އަހުމަދު އަލީއެވެ. ކޭސީސީއާރުސީގެ ހަމަ އެކަނި ގޯލް ޖެހީ މުހައްމަދު ސައުދެވެ. މިމެޗުގައި އެމްއެންޑީއެފްގެ މުހައްމަދު ޝިފާއު އާއި ހުސެއިން ހާފިޒަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސް ޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.