އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޖައްބާރު ސިފައިން އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގެ ޢާއްމުންނާއި ދެކޮޅަށް ޤަތުލުޢާއްމެއް ފެށިތާ 3 ހަފްތާވީއެވެ. ހިތެއް އޮތް ކޮންމެ މީހެއްގެ އަރުގައި ލޭރަހަ ލާފަދަ މަންޒަރުތައް ޣައްޒާއިން އިރުއަރާ އިރުއޮއްސޭ ކޮންމެ ދުވަހަކު ޢާއްމުވަމުން އެބަދެއެވެ. ފޮޓޯއާއި ވީޑިއޯއެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންގެ ރުއިމާއި ގިސްލުމުގެ އަޑެވެ. އެކުދިންގެ ޝަކުވާތަކުގެ އަޑެވެ. ދުނިޔޭގެ އެއްވެސް ތަނަކުން އެމީހުންގެ ޙިމާޔަތުގައި ޢަމަލެއް ނުކުރާތީ ނާއުއްމީދުވުމުގެ އަޑެވެ. އެމީހުންގެ ހުރިހާވެސް ފަރާތަކީ ޢާލަމްތަކުގެ ވެރި ރައްބުކަމަށް ދަންނަވާ އެއިލާހުގެ މަދަދަށްއެދި އާދޭސްކޮށް ދުޢާކުރާ އަޑުތަކަކީ ވޭނީ އަޑުތަކެކެވެ.
މިހުރިހާކަމެއްގެ ތެރެއިންވެސް ތުއްތު ކުދިންނަށް ދެމުންދާ ޙަމަލާތަކަކީ، މީހާގެ ޒަމީރުވެސް ގުޑައިގެންދާފަދަ ކަންކަމެވެ. ތުއްތުކުދިންގެ ފުރާނަނެތް ހަށިތަކެވެ. އެކުދިންގެ ޒަޚަމްވެފައިވާ ތުއްތު ހަށިގަނޑުތަކެވެ. ޢާއިލާގެ އެންމެ މީހަކުވެސް ނެތި ޔަތީމުވެފައިވާ އެތައް ކުދިންނެކެވެ. މިއީވެސް އެފަދަ ކުއްޖެއްގެ ވާހަކައެވެ.
ޢުމުރުން އެންމެ 7 އަހަރުގެ ތުއްތު ޔޫސުފްގެ މަންމަވަނީ ޔޫސުފްގެ ވާހަކަ ހިއްސާކޮށް ވަރަށް އަސަރުގަދަ ޕޯސްޓެއްކޮށްފައެވެ. ޕޯސްޓް ރާއްޖޭގައިވެސް ވައިރަލްވެފައިވާއިރު ޔޫސުފްގެ ވާހަކަ މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. ހަނގުރާމައިގެ މިދަނޑިވަޅުގައިވެސް ތުއްތު ޔޫސުފްގެ ހިތްހަމަޖައްސައިދީ އޭނާއަށް އަމާންކަން އިޙްސާސްކޮށްދިނުމަށް ޔޫސުފްގެ މަންމަ މަސައްކަތްކުރެއެވެ. މިމަހުގެ 7 ވަނަ ދުވަހު ޙަމަލާތައް ފެށުމާ ގުޅިގެން، ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޔޫސުފްގެ ބައްޕަ ގެއަކަށް ނާދެއެވެ. 24 ގަޑިއިރު ހޭދަކުރަނީ ހޮސްޕިޓަލުގައެވެ.
ޔޫސުފްގެ މަންމަ މިދުނިޔޭގައި ހުރެ ބައްދަލުވާން ނޭނދޭ ދުވަހަށް އިރުއަރައިފިއެވެ. ހަނގުރާމަ ފެށުނުފަހުން ހުރިހާ ގަޑިއަކީވެސް ބިރުވެރިކަމުން ފުރިގެންވާ ވަގުތުތަކެކެވެ. އެދުވަހުގެ ހެނދުނު ޔޫސުފް ބަނޑުހައިކަމަށާއި އޭނާ "ކޮންމެވެސް އެއްޗެއް ކޮންމެހެންވެސް ކާން އެބަޖެހޭކަމަށް" ބުނެލުމުން ޔޫސުފަށް އެންމެ މީރު ޓުމާޓޯ ސޫޕް ކައްކައިދޭން ޔޫސުފްގެ މަންމަ ނިންމިއެވެ. އަދި އަވައްޓެރިޔާގެ ގެއަށް އޭނާދިޔައީ ޓުމާޓޯއެއް ހޯދުމުގެ ބޭނުމުގައެވެ. ޔޫސުފް ގޭގައި ބަހައްޓާފައި ދިޔައީ ނުރައްކަލުން ސަލާމަތްކުރުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ޓުމާޓޯއެއް ނެތިގެން އެއްގެއިން އަނެއްގެއަށް ގޮސް ޓުމާޓޯއެއް ލިބުމުން ހެޔޮ ދުޢާކުރުމަށްފަހު އެނބުރިގަތް ޔޫސުފްގެ މަންމައާއި ހިސާބުގަނޑު އެންމެވެސް ސިހުނީ ގޮވި ބާރު އަޑާއެކުގައެވެ.
އެންމެން ދުއްވައިގަތީ އަޑުއައި ދިމާއަށެވެ. ގޮވި އަޑުގެ ބާރުގަދަކަމުން ކަންފަތް ބީރުވީކަމުގެ އިޙްސާސްކުރެވުނު ޔޫސުފްގެ މަންމައަށް މަގުމައްޗާއި ދިމާއަށް ދުއްވައިގަނެވުނީ ޔޫސުފް މަތިން ހަނދާންވުމުންނެވެ. އެތަނުގައި ތިބިހާއި ބަޔަކާއި އަންނަމުންދިޔަ ސިއްޙީ އެހީތެރިންވެސް ގޮވަމުން ރޮމުން ދިޔަދިޔުން އޭނާއަށް ސިފަވީ ޤިޔާމަތް އައިސްގެން އުޅޭހެންނެވެ.
ޔޫސުފް ފެނުނުތޯ އެތަނުން ދިމާވިހާއި ބައެއް ގާތުން އެހިއްޖެއެވެ. އެތަނުގައި ހުރި އޭނާގެ ގޭގެ ދޮރު ޔޫސުފްގެ މައްޗަށް އޭނާ ލެއްޕީ ޔޫސުފަށްޓަކައެވެ. ޔޫސުފްގެ ރައްކަލަކަށް ލައްޕާފައި ދިޔަ ދޮރެއްވެސް މިހާރަކު ނެތެވެ. އެސަރަޙައްދުން ޒަޚަމްވި އެންމެން އަލްޝިފާ ހޮސްޕިޓަލަށް ގެންދާ ޚަބަރާއެކު ޔޫސުފްގެ ބައްޕަ މަތިންވެސް ހަނދާވިއެވެ. އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް މިސްރާބު ޖެހީ ހިތުން އެތައް ހާސް ދުޢާއެއް ކުރަމުންނެވެ. ޔޫސުފް ރައްކާތެރިކަމާއެކު ފެންނާނެކަމުގެ އުއްމީދުގައެވެ.
ޝިފާ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާއިން ބައްދަލުވީ އަމިއްލަ ފުރާނަ އަތަށްލައިގެން ވަރުބަލިކަންމަތީ އުއްމަތުގެ ވާޖިބު އަދާކުރަމުން ދިޔަ ޔޫސުފްގެ ބައްޕައާއެވެ. ޔޫސުފްގެ ނަން ކިޔުން ފިޔަވާ އިތުރު ބަހެއް ނުބުނިނަމަވެސް އެތަނަށް މީހުން އަންނަނީ ކީއްވެގެންކަން ޔޫސުފްގެ ބައްޕަ ދެނެގަތެވެ. އެހާހިސާބުން ޔޫސުފް ހޯދަން ފެށީއެވެ.
"ޔޫސުފް ދެކުނިންތަން. 7 އަހަރުގެ ހަމުގެ އަލި ކުއްޖެއް. ވަރަށް ލޯބިކޮށް ހުންނާނީ." ޔޫސުފްގެ މަންމަ ފަހަރަކު މީހެއްކައިރީ އަހަމުންދިޔައެވެ.
ހޯދާ ހޯދާ ދެފައިގެ ވަރުދޫވާހެން ހީވެގެން ޔޫސުފްގެ މަންމަ ގޮނޑިއެއްގައި އިށީންނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ޔޫސުފްގެ ބައްޕަ ހުއްޓައެއް ނުލައެވެ. އެގޮނޑީގައި އިންއިރު ޔޫސުފްގެ މަންމަ ހިތަށް އަރަމުންދިޔައީ ތުއްތު ޔޫސުފްގެ އުފާވެރިކަމެވެ. ކައިވެންޏަށް އެތައް އަހަރެއްވީފަހުން މާތްﷲގެ ރަޙުމަތުން ލިބުނު ތުއްތު ދަރިފުޅަކީ އޭނާގެ ޙަޔާތުގެ ނޫރެވެ. މަޙުރޫމްވި ހުރިހާ ނިޢުމަތެއް ފޫބައްދައިދެއްވި މަތިވެރި ނިޢުމަތެއް ފަދަ ދަރިއެކެވެ. މިއަހަރަކީ އަމިއްލަ ހިޔަންޏަށްވުރެ ގާތުގައި ގޮވައިގެން އުޅެމުންއައި ތުއްތު ޔޫސުފް ސްކޫލަށް ދާންފެށި އަހަރެވެ. މީގެކުރިން ހިތަށް އަބަދުވެސް އަރަމުންދިޔައީ ޔޫސުފް ސްކޫލަށް ދާންފެށުމުން އެގަޑިތަކުގައި ދަރިފުޅާއި ދުރުގައި އަމިއްލައަށް ހުންނާނެގޮތެއް ނޭނގިގެން ވިސްނިހައި ވިސްނުމެވެ. އަދި ކޮންމެ ދުވަހަކުވެސް ގެއަށް އައުމާއެކު ލޯތްބާއެކު މަރުޙަބާކީ ހަނދާންތަކެވެ. ޔޫސުފަށް އެންމެ މީރު ޓުމާޓޯ ސޫޕް ކައްކާފަ ކާންދިން ހަނދާންތަކެވެ.
???? Imagine you're working at a hospital and you see your family come in on a stretcher, dead or severely injured.
— Mario Nawfal (@MarioNawfal) October 22, 2023
No human should ever go through such an experience, no matter their religion, ethnicity or nationality. pic.twitter.com/EgMRhJng6Q
ޚިޔާލީ ދުނިޔެއިން ޔޫސުފްގެ މަންމައަށް ނިކުންނަން މަޖުބޫރުވީ ޔޫސުފްގެ ބައްޕަގެ ހަޅޭކުގެ އަޑަށެވެ. އޭނާގެ ގައިން ދޫކޮށްލުމަށް އެދިއެވެ. ކިތަންމެ ވަރަކަށް ޔޫސުފަށް ނުވުމަށް އެދި ހިތް އެދުނުނަމަވެސް އެއީ ހަމަ އޭނާގެ ޔޫސުފްއެވެ. ބައްޕައަކަށް ދަރިފުޅު އޮޅޭނެތޯއެވެ. އެދަރިފުޅުގެ ކޮންމެ އާދައެއް އަދި ކޮންމެ ސިފައެއް އެބައްޕައަށް އޮޅިދާނެތޯއެވެ. މިމަންޒަރުތައް ފެނުމާއެކު މައިވަންތަކަމުގެ ލަނގޮނޑި ތެޅިގަތެވެ. އަދި އެހާހިސާބުން ހުރިހާ ކަމެއްވެސް ނިމުނީކަން އެހިތަށް ވިސްނައިދިނެވެ. ޔޫސުފަށް ވަދާޢުގެ ސަލާމް ކިޔަންވެސް ހުއްދަ ނުލިބުމުގެ ޝަކުވާ ޔޫސުފްގެ މަންމަގެ އެބައޮތެވެ. އެހެންނަމަވެސް ޔޫސުފަށް ލިބިފައިވާ އަނިޔާތަށް ފެނި އެކަން ހަނދާނުގައި ހުރުމުގެ ބަދަލުގައި އެންމެން ބޭނުންވީ ޔޫސުފްގެ އުފާވެރި ހަނދާންތައް އޭނައާއި އެކުގައިވުމަށެވެ.
ޔޫސުފްގެ މަންމަގެ ޕޯސްޓް ނިންމާލީ ހިތްދަތި އެތައް ކަމެއް ހިއްސާކުރަމުންނެވެ. އޭނާ އެތައް އަހަރެއްވަންދެން އިންތިޒާރުކުރި ދަރިފުޅާއި ވަކިވުމުގެ ހިތްދަތިކަމެވެ. ދުނިޔޭގެ ހުރިހާ ނުރައްކަލަކުން ރައްކާތެރިކޮށްގެން އުޅުނު ތުއްތު ދަރިފުޅު ހަނގުރާމައަކުން ސަލާމަތްކުރާނެ ގޮތް މަންމައަށް ނޭނގުމުގެ ހިތްދަތިކަމެވެ. އެދަރިފުޅު ސްކޫލުން އަންނަންދެން ކުރި އިންތިޒާރު އަބަދަށްޓަކައި ނިމި، އޭނާކުރާނެ އިންތިޒާރެއް ނެތުމުގެ ހިތްދަތިކަމެވެ. ޔޫސުފް ވަކިވެގެން ގޮސްފިއެވެ. ޔޫސުފް ދިޔައީ ބަނޑުހައިކަންމަތީ ހުރެގެންނެވެ. މިއީ ޣައްޒާއަށް އުފަންވި ތުއްތު ޔޫސުފްގެ ވާހަކައެވެ. މިފަދަ އެތައް ކުޑަކުދިންނެއް ކޮންމެ ދުވަހަކުވެސް ޖައްބާރު އިސްރާއީލުގެ ޝިކާރައަކަށްދަނީ ވަމުންނެވެ.