ޚަބަރު

ޙާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޖާގައިގެ ދަތިކަން


ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް ގެންނަ މީހުންގެ ޢަދަދު ވޭތުވެދިޔަ އަހަރުގެ ތެރޭގައި އިތުރުވެފައިވާކަމަށް އެމަރުކަޒުން ހާމަކޮށްފިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ސިނކުޑީގެ ބަލިތަކަށް ފަރުވާކުރުމަށް މީހުން ބައިތިއްބައިގެން ފަރުވާދެމުން އަންނަ މަރުކަޒެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް އުމުރުން ދުވަސްވުމުގެ ސަބަބުން އާއިލާގެ އަޅާލުން ނުލިބިތިބި، ގިނަ އަދަދެއްގެ އުމުރުން ދުވަސްމީހުން އެމަރުކަޒުގައި ބައިތިއްބައިގެން ބަލަމުން އަންނަ ކަމަށް އެމަރުކަޒުން ބުނެއެވެ.

ޚާއްސައެހީއަށް ބޭނުންވާ މަރުކަޒަކީ 200 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. މިހާރު އެތަނުގައި 168 ބަލިމީހަކަށް ފަރުވާދެމުންދެއެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން މަރާމާތުގެ މަސައްކަތް ނުކުރުމުގެ ސަބަބުން 6 ވޯޑް އިންނަ އިރު މިހާރު ބޭނުންކުރަމުންދަނީ 5 ވޯޑެވެ. ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގެ ސީއީއޯ އަހުމަދު ލިއުޝާން ވިދާޅުވީ، ޖާގައިގެ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން އިތުރު އިމާރާތެއް ހޯދުމަށް ހެލްތު މިނިސްޓްރީއާއި ވާހަކަދައްކާފައިވާނެކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު އިމާރާތެއް ލިބޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށެވެ.

ލިއުޝާން ވިދާޅުވީ މިކަމަށް ޙަލެއް ގެނައުމުގެ ގޮތުން މިހާރު ވޯޑްތަކުގެ މަރާމާތުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޖާގައިގެ ދަތިކަމުގެ އިތުރުން މުވައްޒަފުންގެ ދަތިކަންވެސް ވަރަށްބޮޑަށް ދިމާވެފައިވާކަން ލިއުޝާން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްއޮތްތާގައި މި މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރަމުންދާކަމަށް ލިއުޝާން ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބެނުންވާ މަރުކަޒުގައި މަރާމާތު ކުރަމުންދާ ވޯޑްގެ މަސައްކަތް ނިމި އެތަން ބޭނުންކުރަން ފެށުމުން އިތުރު ވޯޑެއް މަރާމާތުކުރުމުގެ މަސައްކަތް ފަށާނެކަމަށް އެމަރުކަޒުން މައުލޫމާތުދެއެވެ.