ޚަބަރު

މުލީ ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކުރުމަށް އިތުރު ޑްރެޖަރެއް


މ.މުލީ ބިން ހިއްކުމުގެ މަޝްރޫޢު އަވަސް ކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ޕްރޮޖެކްޓްގެ ސަބް ކޮންޓްރެކްޓަރ ބުނެފިއެވެ.

މުލީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ އިވޯޝަންގެ، މާކެޓިންގ ޑައިރެކްޓަރ އަސަދުﷲ ޝިހާބް ވިދާޅުވީ، އަލަށް ގެންނަ ޑްރެޖަރ އަންނަ އެޕްރީލް މަހުގެ ތެރޭގައި ގެނެވޭނެ ކަމަށެވެ. ޖުމްލަ 40 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހިއްކިފައިވަނީ 25 ހެކްޓަރު ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ބޭނުން ކުރަމުންދާ ޑްރެޖަރއިން ވެލި ނެގުމުގައި ދަތި ތަކެއް ހުރުމާއެކު، އެކަށީގެންވާ ބާރު މިނުގައި މަސައްކަތް ކުރިއަށް ނުގެންދެވޭކަންވެސް އަސަދުﷲ ފާހަގަކުރެއްވިއެވެ. އަދި އަލަށް ގެންނަ ޑްރެޖަރއިން ބިން ހިއްކަން ފެށުމުން، ކުރިއަށް އޮތް ދެ މަސްތެރޭގައި މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މ.މުލީގައި 40 ހެކްޓަރުގެ ބިން ހިއްކުމަށް 99 މިލިއަން ރުފިޔާއަށް ސަރުކާރުން ޙަވާލު ކުރައްވާފައިވަނީ އެމް.ޓީ.ސީ.ސީއާއިއެވެ. ނަމަވެސް އެކުންފުނިން ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމާއެކު، މުލީ ބިން ހިއްކުންވަނީ ސަބް ކޮންޓްރެކްޓް އުޞޫލުން ތައިލެންޑްގެ އެވޯޝަން ކުންފުންޏާއި ހަވާލުކުރައްވާފައެވެ.

މި މަޝްރޫޢަކީ މުލީގައި ބިމުގެ ދަތިކަން ކުރިމަތިވެ، ރަށަށް އިތުރު ބިން ބޭނުންވާތީ، ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. މަޝްރޫޢު ނިމިގެންދާއިރު، މުލީގެ ބިމުގެ ބޮޑުމިން 80 ހެކްޓަރަށް އިތުރުވެގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.