ޚަބަރު

ޤާނޫނާއި ޚިލާފުވި ލަންކާގެ 5 ބޯޓު ޖޫރިމަނާގެ ގޮތުގައި 5 ލައްކަ ރުފިޔާ ދެއްކުމުން ދޫކޮށްލައިފި


  • ލަންކާގެ މި ބޯޓުތައް ހިފެހެއްޓީ މިދިޔަމަހުގެ 18 ގައި

  • ކޮންމެ ބޯޓެއް ޖޫރިމަނާ ކުރީ 1 ލައްކަ ރުފިޔާއިން

  • އެ ބޯޓުތަކުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން މަސް ބާނާފައެއް ނުވޭ

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް ވަދެ، ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަންއުޅުނު ބޭރުގެ 5 މަސްބޯޓެއް ޖޫރިމަނާ ފައިސާ ދެއްކުމުން ދޫކޮށްލައިފިއެވެ.

ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ވައިގެ މަގުންނާއި ކަނޑުމަގުން ބެލެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ޤަވައިދާ ޚިލާފަށް ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް ވަދެ މަސްވެރިކަން ކުރާ އުޅަނދުތައް އަންނަނީ އަތުލައިގަންނަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ޖޫރިމަނާ ދެއްކުމުން ދޫކޮށްލާފައިވަނީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް ހުއްދަނެތި ވަދެ، ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ކޯސްޓް ގާޑުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓެވެ. މިއިން ކޮންމެ ބޯޓެއް ވަނީ 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި ޖުމުލަ 5 ލައްކަ ރުފިޔާވަނީ ދަޢުލަތަށް ދައްކާފައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ކޮންމެ ބޯޓެއް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ އެ ބޯޓުތަކުން ރާއްޖޭގެ ޚާއްސަ އިޤްތިޞަދީ ސަރަހައްދުން މަސް ބާނާފާއި ނުވާތީކަމަމަށެވެ. އަދި އެބޯޓުތައް ޖޫރިމަނާކުރީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް ޤަވައިދާ ޚިލާފަށް ވަނުމުންނެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ ޚާއްސަ ސަރަޙައްދަށް ޤަވައިދާ ޚިލާފަށް ވަދެ މަސްބާނާފައިވާނަމަ އެ މައްސަލަ ތަޙްޤީގުކުރުމަށްފަހު 1 ލައްކަ ރުފިޔާއަށްވުރެ ބޮޑަށްވެސް ޖޫރިމަނާ ކުރާކަމަށެވެ.

2019 ވަނަ އަހަރު ފާސްކޮށްފައިވާ މަސްވެރިކަމުގެ އައު ޤާނޫނު އައިފަހުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ވަދެ ޤާނޫނާ ޚިލާފަށް މަސްވެރިކަންކޮށްފައިވާ ބޭރުގެ 20 މަސްބޯޓެއްގެ މައްސަލަ ބަލައި އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ސަރަހައްދަށް ޤާނޫނާ ޚިލާފަށް ވަންނަ ބޭރުގެ މަސް ބޯޓުތަކުގެ މަޢުލޫމާތު އާއްމު ގޮތެއްގައި ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރަނީ މަހަށް ނުކުމެ އުޅޭ ދިވެހި މަސްދޯނިތަކުންނެވެ. އަދި ރިޕޯޓާ ގުޅިގެން ކޯސްޓްގާޑުގެ އުޅަނދުތައް އެ ބޯޓެއް ހޯދައި، ހިފަހައްޓާ މައްސަލަ ތަޙްޤީގުކުރަން ފުލުހުންނަށް ހަވާލުކުރެއެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތީޞާދީ ސަރަޙައްދަށް ވަދެ ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމަކީ ޤާނޫނީ ކުށެކެވެ. މިގޮތުން ދާ ޖަހައިގެން މަސްވެރިކުރުމާއި، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި، އެންވެރިކަން ފިޔަވައި، ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުމުގެ އިތުރަށް، ގޮވާއެއްޗެއް ނުވަތަ ވިހައެއް ނުވަތަ ކެމިކަލްއެއް ބޭނުންކޮށްގެންވެސް މަސްވެރިކަން ކުރުމަކީ މަސްވެރިކަމުގެ ޤާނޫނާ ޚިލާފުވާކަންކަމެވެ.

މަސްވެރިކަމުގެ ޤާނޫނުގައިވާގޮތުން ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާ އުޅަނދުތަކުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ބޮންޑެއް ނުވަތަ ސެކިއުރިޓީއެއް ޑިޕޮޒިޓް ކުރަންދެން އެ އުޅަނދު ހިފަހައްޓާފައި ބޭއްވޭނެއެވެ. އަދި ހިފަހައްޓާ އުޅަނދުގައި ހުރީ ހަލާކުވާ ބާވަތުގެ އެއްޗެއްނަމަ އެ ތަކެތި ވިއްކާލެވިދާނެއެވެ.

މީގެ އިތުރަށް ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމަށް ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ވަންނަ އުޅަނދުތައް ދޫކޮށްލަނީވެސް ވަކި އުޞޫލެއްގެ ދަށުން ޖޫރިމަނާކޮށް، އެ ޖޫރިމަނާގެ ފައިސާ ދެއްކުމުންނެވެ.