ޚަބަރު

މޫސުމަށް އަންނަ ބަދަލުން ޤުދުރަތީ ހާދިސާތައް އިތުރުވެއްޖެ


ރާއްޖޭގެ މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ޤުދުރަތީ ޙާދިސާތައް އިތުރުވެފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުއްލި ކުއްލިއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ޙާދިސާތައް އިތުރުވެފައިވާ ކަމަށް އެސެންޓަރުން ވިދާޅުވެއެވެ. 

ރާއްޖޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭގޮތުން ޑިޒާސްޓަރ މެނޭޖްމަންޓުން ގެންދަވަނީ ދިރާސާތަކެއް ކުރައްވަމުންނެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގުދަރަތީ ހާދިސާތައް އިތުރުވުން ކަމަށް އެ ސެންޓަރުން ފާހަގަކުރައްވައެވެ. ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވާ ކަމަށާއި، އަދި ހޫނު މޫސުން ދިގުލައިގެން ދިއުމުން ފެނަށް ޖެހުމުގެ މައްސަލަ ކަންބޮޑުވާ މިންވަރަކަށް އޮތް ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ. 

ޕީ.އެސް.އެމާ ވާހަކަދައްކަވަމުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ހިންގެވުމާ ޙަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ނާއިބު ފާތިމަތު ތަސްނީމް ވިދާޅުވީ، ފާއިތުވެދިޔަ ފަސް އަހަރަށް ބަލާއިރު، މޫސުމީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަަނީ ރާއްޖޭގެ ދެކުނަށް ކަމަށެވެ. އަދި ހޫނު މޫސުމުގައިވެސް ކުއްލި ކުއްލި އަށް ރާއްޖޭގެ ދެކުނަށް ވިއްސާރަ ވެހެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

"ޢާންމުކޮށް މާޗް މަހުން ފެށިގެން މެއިމަހާ ދެމެދަކީ ރާއްޖެއަށް ވިއްސާރަ މޫސުމަކަށް ނުވިޔަސް މިހާރަކަށް އައިސް، މިދުވަސްވަރުވެސް ދެކުނުގެ އަތޮޅުތަކަށް ކުއްލި ކުއްލިއަށް ވާރޭވެހޭކަން ފާހަގަކުރެވޭ. މި ހުރިހާ ކަމަކީވެސް ރާއްޖޭގެ މޫސުމަށް ބަދަލު އައިސްފައިވާކަމުގެ ހެއްކެއް."  ތަސްނީމް ވިދާޅުވިއެވެ. 

މޫސުމާބެހޭ ޤައުމީ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަލީ ޝަރީފް ވިދާޅުވީ، ރާއްޖެއަށް ވެހޭ ވިއްސާރައިގެ ބޮޑު ބަޔަކީ އަބަދުވެސް ރާއްޖޭގެ ދެކުނަށް ވެހޭ ވާރޭ ކަމަށާއި، އެ އިދާރާގެ ތަފާސް ހިސާބުތަކުންވެސް އެކަން ފާހަގަކުރެވޭ ކަމަށެވެ. 

މިހާރު ގުނަމުންދާ ހޫނު މޫސުމުގެ ދުވަސްތަކުގެ ތެރެއިން އަންނަ އެޕްރީލް މަހަކީ އެންމެ ހޫނު ދުވަސްތައް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ. އެގޮތުން ހޫނު މޫސުން ޖޫން މަހާ ހިސާބަށް ދިގުލައިގެން ދާނެ ކަމަށް ލަފާ ކުރައްވާއިރު، މި މުއްދަތުގައިވެސް ރާއްޖެއަށް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.