ޚަބަރު

ފޮރުވަންޖެހޭ، ނާޖާއިޒު މަންފާއެއް ލިބޭނެ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ: ޤަސަމް


  • އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލާފައިވަނީ ސިމެންތި ގަށާ މެޝިނަކަށް އަޅައިގެން

  • މުހިންމު އެއްވެސް ލިޔުމެއް އޭގަ ނުހިމެނޭކަމަށް އެފްއެސްއެމްއިން ބުނޭ

  • މި މައްސަލަ ކަމާގުޅޭ އިދާރާތަކުން އަންނަނީ ބަލަމުން

ފޮރުވަންޖެހޭ، ނާޖާއިޒު މަންފާއެއް ލިބޭނެ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވެއްޖެއެވެ.

ޤަސަމް މިގޮތަށް ވިދާޅުވެފައިވަނީ، ފިއުލް ސަޕްލައި މޯލްޑިވްސްގެ މުހިންމު ލިޔެކިޔުންތަކެއް ނައްތާލިކަމަށް ދެކެވޭ ވާހަކަތަކައި ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި ވަނީ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް، ސިމެންތި ގަށާ މެޝިނަކަށް އަޅައި ނައްތާލަމުންދާ ވީޑިއޯއެއް އާއްމުވެފައެވެ. އަދި ބޮޑެތި ޖަންބޯ ބޭގްތައް ފުރެންދެން އަޅާފައިވާ ކަރުދާސްތައް އެ ވީޑިއޯގައި ފެނެއެވެ.

މިކަމާއި ގުޅިގެން އެފް.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޤަސަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނަވާ ކޮށްފައިވާ ނުރަނގަޅު ކަންތައްތަކެއް ފޮރުވުމަށް ކަރުދާސްތައް ނައްތާލީކަމަށް ފަތުރަމުންދާ ވާހަކައަކީ އެއްވެސް ޙަޤީޤަތެއް، އަސްލެއް ނެތް ވާހަކަތަކެއްކަމަށެވެ.

މިހާތަނަށް މަޤާމުގައި ހުރެ ކޮށްފައިވާ ކޮންމެ މަސައްކަތެއް ކޮށްފައި އޮންނާނީ ކުންފުނީގެ ކުރިއެރުމަށްކަމަށް ޤަސަމް ވިދާޅުވިއެވެ. އަދި ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް ލިބޭގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެކަމަށް ޤަސަމް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ހޯމަ ދުވަހު އެފް.އެސް.އެމް އިން ނެރުނު ނޫސް ބަޔާނެއްގައިވެސް ބުނެފައިވަނީ، ކުންފުނީގެ މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާކަމަށެވެ. ނަމަވެސް ގިނަ ދުވަސްވެފައި ހުންނަ އަދި ކުންފުންޏަށް އިތުރަށް ބޭނުން ނުވާ ލިޔުންތައް ނައްތާލަމުން ގެންދާކަމަށެެވެ. މިކަމުގައި ދަޢުލަތުގެ އެއްވެސް އިދާރާއަކުން މަޢުލޫމާތު ސާފުކުރަން ބޭނުންނަަމަ، އެކަމަށްވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ކަމާއި ގުޅޭ ފަރާތްތަކުން އަންނަނީ އެކަން ބަލަމުންނެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ މިފަދަ ޢަމަލުތައް ނުހިންގުމަށާއި، އަދި މިގޮތަށް ކުންފުނިތަކުން ޢަމަލުކުރާނަން އެކަން ހުށައެޅުމަށްވެސް ކޮމިޝަނުން ވަނީ އަންގާފައެވެ.

މި މައްސަލަ ޤައުމީ އަރުޝީފުންވެސް އަންނަނީ ބަލަމުންނެވެ. އަރުޝީފުުން ވިދާޅުވީ، ފިއުލް ސަޕްލައި މޯލްޑިވްސްގެ ލިޔެކިޔުން ނައްތާލި މައްސަލަ ފުލުހަށް ހުށައަޅާނީ، އެ ކުންފުނިން ނައްތާލާފައިވަނީ ކޮން ކަހަލަ ލިޔެކިޔެމެއްތޯ ބެލުމަށް ފަހުގައިކަމަށެވެ.

ޤައިމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙަައްމަދު އާމިރު، ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ދަޢުލަތާއި ގުޅުންހުރި ބައެއްކަހަލަ ލިޔެކިޔުންތައް ނައްތާލުމަކީ ޤާނުން މަނާކަމެއްކަމަށްށެވެ. ނަމަވެސް މީގެތެރޭގައިވެސް ވަކި ބާވަތްތަކުގެ ލިޔެކިޔުން ހިމެނޭކަމަށެވެ. އެގޮތުން ބިލްތަކުގެ ތެރޭގައިވެސް، އެ މަޢުލޫމާތު ރައްކާކުރަން ލާޒިމުކުރާ ކެޓަގަރީތަކެއް ހިމެނޭކަމަށެވެ.

އާމިރު ވިދާޅުވީ، ނައްތާލިކަމަށް ބުނާ ލިޔެކިޔުންތަކުގެ މައްސަލައިގައި، ފިއުލް ސަޕްލައި މޯލްޑިވްސްއަށް ހުށައަޅާ އެކަމުގެ މަޢުލޫމާތު ހޯދަމުން އަންނަކަމަށެވެ. އަދި ފުލުހަށް ހުށައަޅާއިގެން އިތުރަށް މައްސަލަ ބަލާނީ، މި މަރުޙާލާއަށް ފަހުގައިކަމަށެވެ. އާމިރު ވިދާޅުވީ، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ކަމެއްގައި، ސީދާ ގޮތްތަކެއް ނިންމޭނީ އެކަން ރަނގަޅަށް ބެލުމަށްފަހުގައި ކަމަށެވެ.