ޚަބަރު

ޤާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަނުވާތީ ސަޕްލިމަންޓްރީ ބަޖެޓު އަނބުރާ ފޮނުވާލައިފި


  • ސަޕްލިމަންޓްރީ ބަޖެޓު ހުށައެޅުއްވީ މިމަހުގެ 18ގައި

  • ސަޕްލިމަންޓްރީ ބަޖެޓުގެ ގޮތުގައި ހުށައެޅީ 6.5 މިލިއަން ރުފިޔާ

  • ބަޖެޓުގަިއ ފުރަިހަމަވާންޖެހޭ ޝަރުޠުތައް މާލިއްޔަތު ޤާނޫނުގައި ބަޔާންކުރޭ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ސަޕްލިމަންޓްރީ ބަޖެޓުގައި، މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތަށް ފުރިހަމަނުވާތީ، އެކަންކަން ފުރިހަމަކުރުމަށްފަހު އަލުން ހުށައެޅުމަށް އަންގާ، އަނބުރާ ފޮނުވާލައިފިއެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށް، އިތުރު 6.5 ބިލިއަން ރުފިޔާ ޚަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މިމަހުގެ 18ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާޢު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ފޮނުއްވި ސަޕްލިމަންޓްރީ ބަޖެޓުގައި، މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަނުވާތީ، އެކަންކަން ފުރިހަމަކުރެއްވުމަށް އަލުން ހުށައެޅުއްވުމަށް އަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސޮއިކުރައްވާ އެ ބަޖެޓު އަނބުރާ ފޮނުވާލާފައިވާކަމަށެވެ.

މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާގޮތުގައި، ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށައަޅާނަމަ ޤާނޫނުގައި ބަޔާންކުރާގޮތަށް ބަޖެޓު ތައްޔާރުކުރުމަށްފަހު އެ ފައިސާއެއް ނުވަތަ އެބަޖެޓެއް ބޭނުންވާ ދުވަހެއްގެ އެއް މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެކަމަށެވެ.

އަދި އެ ހުށައަޅާ ބަޖެޓުގައި ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުންހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު ހިމަނަންވާނެކަމަށް މާލިއްޔަތު ޤާނޫނުގައިވެއެވެ. އަދި ރިކަރަންޓު ޚަރަދާއި ކެޕިޓަލް ޚަރަދުގެ ޚުލާސާވެސް ބަޖެޓުގައި ހިމަނަންވާނެކަމަށް މާލިއްޔަތު ޤާނޫނުގައި ބަޔާންކުރެއެވެ. ނަމަވެސް ފިނޭންސްއިން މަޖިލީހަށް ފޮނުއްވި ސަޕްލިމަންޓްރީ ބަޖެޓުގައި ހަމަނުވަނީ ކޮން ޝަރުތެއްކަމެއް ސާފެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިއީ ސަރުކާރުން ހުށައެޅުއްވި ސަޕްލިމަންޓްރީ ބަޖެޓުގެ ޝަރުތު ފުރިހަމަކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގެވި ދެވަނަ ފަހަރެވެ. ފިނޭންސް މިނިސްޓްރީން ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ފޮނުއްވުމުން، މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތަށް ފުރިހަމަނުވާތީ، އެ ބަޖެޓު އަނބުރާ ނުފޮނުވައި އެ މަޢުލޫމާތުތަށް ފޮނުވުމަށް މަޖިލީހުން ފުރަތަމަ އެދުނެވެ. ނަމަވެސް ފިނޭންސްއިން ފަހުން ފޮނުއްވި މަޢުލޫމާތުތަކުގައިވެސް ޤާނޫނޫގައި ބަޔާންކުރާ އެކަންކަން ފުރިހަމަވެފައިނުވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މަޖިލީހަށް ހުށައެޅުއްވި ސަޕްލިމަންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅައިފައިވަނީ ޕީއެސްއައިޕީއާއި އާސަންދައާއި ސަބްސިޑީތަކަށް ކުރާ ޚަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަންއަށްކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިނގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެ ނޫން ޚަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވައިފައިވާ ގިނަ ފިޔަވަޅުތައް ރާވައިފައިވާ ގޮތަށް ތަންފީޒުވެފައިނުވާތ،ީ އެ ކަންކަމުން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީވެސް މިހާރު ދަށްވެފައިވާކަމަށް ފިނޭންސްއިން ބުނެއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.