ޚަބަރު

މަޖިލިސް ދާއިރާތައް ކަނޑައެޅިގޮތަށް 65 ޝަކުވާ، އެންމެ ގިނަ ޝަކުވާ ފޭދޫ ދާއިރާއަށް


  • ޝަކުވާތަކަށް އަންނަމަހުގެ 5 ގެ ކުރިން، އީސީއިން ގޮތެއް ކަނޑައަޅާނެ

  • މާލެއާއި އިތުރު 16 ދާއިރާއަކުން ޝަކުވާ ހުށައެޅި

  • އެންމެ ގިނައިން ޝަކުވާ ލިބިފައިވަނީ އައްޑޫ ސިޓީން

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، ދާއިރާތައް ކަނޑައެޅިގޮތުގެ ރިޕޯޓަށް 65 ޝަކުވާއާއި ޚިޔާލު ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައި ވާގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން އާންމުކުރައްވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ. މި ރިޕޯޓުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރު އިންތިޚާބު ކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ 93 އެކެވެ. މިއީ މިހާރު ހިނގަމުންދާ މަޖިލީހުގެ 87 ދާއިރާއާއި ބަލާއިރު 6 ދާއިރާގެ އިތުރުވުމެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާޢިލް ޙަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ ހުށައަޅާފައިވާކަމަށެވެ. ޝަކުވާ ހުށައަޅާފައިވަނީ މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ބ، ލ އަދި ގއ އަތޮޅުގެ ދާއިރާތަކާއި ގުޅޭގޮތުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ޝަކުވާ ހުށައަޅާފައިވަނީ އައްޑޫސިޓީ ފޭދޫ އުތުރު ދާއިރާއަށެވެ. އެދާއިރާއަށް 44 ޝަކުވާއެއް ހުށައަޅާފައިވެއެވެ. ފޭދޫ އުތުރު ދާއިރާއަކީ އަންނަ އަހަރުގެ މަޖިލީހަށް އަލަށް އިތުވެފައިވާ ދާއިރާއެކެވެ.

ޝަކުވާ ހުށައަޅާފައިވާ ދާއިރާތައް

އައްޑޫ ސިޓީ: 7 ދާއިރާއިން - 50 ޝަކުވާ
ލ.އަތޮޅު: 2 ދާއިރާއިން - 3 ޝަކުވާ
ބ.އަތޮޅު: 4 ދާއިރާއިން - 4 ޝަކުވާ
ގއ.އަތޮޅު: 3 ދާއިރާއިން - 6 ޝަކުވާ
މާލެސިޓީ: 2 ޝަކުވާ

ހަބީބު ވިދާލުވީ ހުށައަޅާފައިވާ ޝަކުވާތަކަށް އަންނަ މަހުގެ 5ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ޖަވާބުދެއްވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އެކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މައިގަނޑު 2 އުޞޫލަކަށް ބަލައިގެންނެވެ. ފުރަތަމަ ބަލާފައިވަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ ގޮތުގައެވެ. އަދި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީ 5000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއްގެ އުޞޫލުންނެވެ.

މިކަންކަމަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި އިންތިޚާބުކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ ޖުމްލަ 93 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މަޖިލީހުގައި މިހާރު ތިއްބެވި 87 ދާއިރާއަށްވުރެ 6 ދާއިރާގެ އިތުރުވުމެކެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބީ ދާއިރާތަކުގެ ނަންތައް ކަނޑައަޅާފައިވަނީ 31 މެއި 2023 ގެ ނިޔަލަށް ކޮންމެ ރަށެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަށް ބަލާ، ކޮންމެ އިންތިޚާބީ ދާއިރާއެއްގައި ހިމެނޭ ރަށްތަކުގެ ތެރެއިން އާބާދީ އެންމެ ބޮޑު ރަށެއްގެ ނަން އެދާއިރާއަކަށް ނިސްބަތްވާގޮތަށް ކިޔައިގެންނެވެ. އަދި އެއްރަށެއްގައި އެއް އިންތިޚާބީ ދާއިރާއަށްވުރެ ގިނަ ދާއިރާ ހިމެނޭނަމަ އެރަށެއްގައި ހިމެނޭ ދާއިރާތަކަކަށް ނަން ކިޔާފައިވަނީ ސަމުގާ މިސްރާބަށް ބަލައިގެންނެވެ.

2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިތުރުވާ ގޮނޑިތައް:

• މާލޭ ސިޓީ އަށް 2 ގޮނޑި: ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ
• އައްޑޫ ސިޓީ އަށް 1 ގޮނޑި: ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
• މާޅޮސްމަޑުލު ދެކުނުބުރިއަށް (ބ. އަތޮޅު) 1 ގޮނޑި: ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
• މާލެ އަތޮޅަށް 1 ގޮނޑި: ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
• ހުވަދުއަތޮޅު އުތުރުބުރިއަށް (ގއ. އަތޮޅު) 1 ގޮނޑި: ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބް ވިދާޅުވީ، މި ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނިކަމަށެވެ. އަދި ބައެއް އިންތިޚާބީ ދާއިރާތަކުގެ ނަމަށްވެސް ބަދަލު އައިސްފައިވާކަންވެސް ހަބީބު ފާހަގަކުރެއްވިއެވެ.

އެގޮތުން، ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާއަށް، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުވުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުކަމަށެވެ. އިންތިޚާބު ބާއްވާ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތްކަމަށާއި، އެއީ ޤާނޫނު އޮތްގޮތުން ދިމާވާ ކަމެއްކަން ހަބީބު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް ނޮވެމްބަރ މަހުގެ ތެރޭގައި ޢާންމު ކުުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އަދި އިންތިޚާބު ބާއްވާނެ ތާރީޚެއް ނޮވެމްބަރު މަހުގެ ތެރޭގައި ކޮމިޝަނުން ޢާންމު ކުރުމަށް ދަނީ މަސައްކަތް ކުރަމުންކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ފައިނަލް ވުމުން، އެ ދާއިރާތަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު ތައްޔާރުކޮށް، އެ ލިސްޓު ބޭނުންވާ ފަރާތްތަކަށް ޙިއްސާ ކުރުމަށްޓަކައި، މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓު ދުރާލާ ޢާންމު ކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.