ޚަބަރު

މަޖިލިސް އިދާރާއަށް އަންނަ އަހަރަށް 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް


  • މިއަހަރުގެ މަޖިލީހުގެ ބަޖެޓަކީ 182 މިލިއަން ރުފިޔާ

  • މަޖްލިސް އިދާރާގެ މުވައްޒަފުންގެ އެލަވަންސް ބޮޑުކުރަންވަނީ ހުށަހަޅާފައި

  • ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހަރަދުކުރުމަށް 4.2 މިލިއަން ރުފިޔާ ހިމެނޭ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމަށް އަންނަ އަހަރަށް 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް މަޖިލީހުގެ ބަޖެޓުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމަށް އަންނަ އަހަރަށް ފުރަތަމަ ހުށަހެޅީ 186.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމެއް ނުދޭތާ 11 އަހަރު ވެފައިވާތީ، މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރި އާންމު ކޮމިޓީގެ މެމްބަރުން ވަނީ މުސާރަ ބޮޑުކުރުމުގެ ހުށަހެޅުމެއް ދޭން މަޖިލީހުގެ އިދާރާގައި އެދިފައެވެ.
އަދި މިކަމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ނިންމާފައިވަނީ މުވައްޒަފުންގެ މުސާރަ ސީދާ ބޮޑުކުރުމުގެ ބަދަލުގައި އެލަވަންސްތައް ބޮޑުކުރުމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އެލަވަންސް ދިނުމުގެ އުސޫލަށް ގެންނަ ބަދަލާއެކު، އެލަވަންސްތައް ބޮޑުކުރަން ހިމަނާފައިވާ 5.9 މިލިއަން ރުފިޔާއާއެކު، ޖުމްލަ 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އޭގެ ތެރޭގައި ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ޚަރަދުކުރުމަށް 4.2 މިލިއަން ރުފިޔާ ހިމެނެއެވެ.

މަޖިލީހުން މިއަހަރަށް ގާތްގަނޑަކަށް 182 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ، 20 ވަނަ މަޖިލީހަށް އިތުރުވާނެ މެމްބަރުންގެ ހަތް މަހެއްހާ ދުވަހުގެ މުސާރަ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރެއެވެ.

އެގޮތުން ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 87 މެންބަރުންނެވެ. ނަމަވެސް އަންނަ އަހަރު ފެށޭ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާނެއެވެ.