ސިއްހަތު

ތެލަސީމިއާ ސްކްރީންކުރެވޭ ހޮސްޕިޓަލްތައް އިތުރުކުރުން


މިއަހަރުގެ ނިޔަލަށް 16 ހޮސްޕިޓަލެއްގައި ތެލަސީމިއާ ސްކްރީނިންގެ ޚިދުމަތް ޤާޢިމުވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ އަބްދުﷲ ވަހީދު ވިދާޅުވީ މިހާރު 11 ހޮސްޕިޓަލެއްގައި ތެލަސީމިއާ ސްކްރީން ކުރެވޭއިރު، މިއަހަރުގެ ނިޔަލަށް 16 ހޮސްޕިޓަލެއްގެ މިޚިދުމަތް ފެށުމަށް ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތްދެމުންދާ ތަންތަނުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ލެބޯޓްރީ ޚިދުމަތްތަކަށް މެޝިނަރީ އާއި އިކުއިޕްމަންޓްސްތަކަށް 360 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މެޑިކަލް ކޮންސިއުމަބަލްސް އަށް މަހަކު 12 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. 

ހެލްތް މިނިސްޓްރީން ވިދާޅުވީ މިޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، މިއަހަރުގެ ތެރޭގައި ބޭސިކް ލެބޯޓްރީގެ ޚިދުމަތްތައް ހުރިހާ ސިއްޙީ ޚިދުމަތްދޭ ތަނެއްގައި ތަރައްޤީ ކުރެވިގެންދާނެކަމަށެވެ.

ތެލަސީމިއާ އަކީ ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން އޭނާއަށް ވާރުތަވާ ޙާލަތެއްގެ ސަބަބުން، ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއްކަމުގައިވާ ހިމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެ ގޮތުން، ނުވަތަ އެމާއްދާ ލޭގައި ތަރުތީބުވެގެން ދާންޖެހޭގޮތަށް ތަރުތީބުވެގެން ނުދިއުމުގެ ނަތީޖާއެއްގެ ގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނުއުފެއްދުމުގެ ސަބަބުން ދިމާވާ ޞިއްޙީ ޙާލަތެކެވެ.

ތެލަސީމިއާ އަކީރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ތެލަސީމިއާ ބަލި ހުރި ޤަޢުމުތަކުގެ ނިސްބަތަށް ބަލާއިރު ރާއްޖެއަކީ ތެލަސީމިއާ ކެރިއަރުން އެންމެ ގިނަ އެއް ޤައުމެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 18 އިންސައްތައަކީ ތެލަސީމިއާ ކެރިއަރުންނެވެ.

ތެލަސީމިއާ ސްކްރީންކުރުމުގެ ޚިދުމަތް ހޮސްޕިޓަލްތަކުން ލިބޭނެ ގޮތް ފަހިކުރުމުގެ މަސައްކަތުގެ ދަށުން 9 ހޮސްޕިޓަލެއްގައި ވަނީ ތެލަސީމިއާ ސްކްރީނިންގެ ޚިދުމަތް ފަށާފައެވެ. މީގެ ތެރޭގައި ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކާއި ބައެއް އަތޮޅު ހޮސްޕިޓަލްތައް ހިމެނެއެވެ.