ޚަބަރު

ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާލައިފި


  • ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އެރަށުގައި ފެށީ 2021 ވަނަ އަހަރު

  • ރައްޔިތުންނަށް ޚިދުމަތް ދެވޭނެކަމަށް ކައުންްސިލުން ދެކެނީ އަންނަމަހު

  • ރަށުގެ ފެން ތަޣައްޔަރުވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް

އއ ފެރިދޫގައި ސަރުކާރުން ހިންގި ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ. އެމްޑަބްލިއުއެސްސީން ވިދާޅުވީ މިކަމުގެ އަމަލީ މަސައްކަތް ނިމި ކޮމިޝަނިން މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފެނާއި ނަރުދަމާ ނިޒާމްނެތް ރަށްރަށުގައި އެޚިދުމަތް ޤާއިމްކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން އއ.ފެރިދޫގައި މިކަމުގެ އަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުއެވެ. ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތް ލަސްވުމުގެ ސަބަބުން ރައްޔިތުންވެސްވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އއ.ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ސްޓެލްކޯ އާއި، އެމް.ޑަބްލިޔު.އެސް.ސީ ގުޅިގެންނެވެ.

ފެރިދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށް މިހާރު ނިމިފައިވާއިރު މިޚިދުމަތް ރައްޔިތުންނަށް ދެވޭވަރުވާނީ އަންނަމަހު ކުރީ ކޮޅުކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ފެރިދޫގައި 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ޤާއިމްކޮށް 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިނަކާއި، ނަރުދަމާގެ އިދާރީ އިމާރާތަކާއި، 3 ޕަންޕިންގ ސްޓޭޝަނާއި، އެއް ސީ އައުޓް ފޯލްވަނީ އަޅާފައެވެ. މީގެ އިތުރުން އާރުއޯ އިމާރާތަކާއި، ފެން އުފެއްދުމަށް ބަހައްޓާ ޕްލާންޓްތައް އިންސްޓޯލްކޮށް ފެންރައްކާކުރުމަށް 3 ތާނގީވެސް ވަނީ ބަހައްޓާފައެވެ. މިއިމާރާތް ޤާއިމްކޮށްފައިވަނީ ކަރަންޓް އުފެއްދުމަށް ސޯލާ ޕެނަލްއާއެކުއެވެ.

މީގެ އިތުރުން، ބޯހޯލް ތޮރުފައި، ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އަޅާ ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

އއ.ފެރިދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކުރައްވައިގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 69.32 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.

ފެރިދޫ ކައުންސިލްގެ މެންބަރު ޒާހިރު ނަސީރު ވިދާޅުވީ އަލަށް ހެދި މަގުތަކުގައި ފެނާއި ނަރުދަމާގެ ހޮޅިތައް އަޅާ ނިމިފައިވާކަމަށެވެ. އެމަސައްކަތް ކުރަނީ ކައުންސިލާއި އެމްޑަބްލިއުއެސްސީ ގުޅިގެން ކަމަށް ޒާހިރު ނަސީރު ވިދާޅުވިއެވެ.

ފެރިދޫ އަކީ ފެން ތަޣައްޔަރުވެފައިވާ ރަށެއްކަން ފާހަގަ ކުރައްވަމުން ޒާހިރު ނަސީރު ވިދާޅުވީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ މީހުންގެވެސް އޮތް އެންމެ ބޮޑު އެއްޝަކުވާއަކީ އެއީ ކަމަށެވެ. ރަށުގެ ގިނަ ގެތަކުގައި ފެން ބޭނުން ކުރަނީ އޮކްސިޖަން ޕަންޕް ބޭނުންކޮށްގެން ފެނުން ވަސްކަނޑުވައިގެންކަން ކައުންސިލުން ފާހަގަ ކުރެއެވެ.

މި މަސައްކަތާއެކު މިހުރިހާކަމަކަށް ހައްލު ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.