ޚަބަރު

ރައީސާއި ނާއިބު ރައީސް ހުވާކުރުމުގެ ޖަލްސާ 17 ނޮވެމްބަރުގެ ހަވީރު 16:45ގައި


  • ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްޙޫރީ މައިދާނުގަ

  • ހުވާކުރުން އޮންނާނީ ހަވީރު 16:45ގައި

  • ހުވާކުރުމުގެ ރަސްމިއްޔާތަކީ މަޖިލީހުގެ ޖަލްސާއެއް

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށް ބާއްވަވާ ޖަލްސާ އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

އިންތިޚާބީ ރައީސާއި އިންތިޚާބީ ނާއިބު ރައީސް ހުވާކުރުމަށް ބާއްވަވާ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހާއި، އެމްއެންޑީއެފްއާއި އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އުފައްދަވާފައިވާ، އިންތިގާލީ ކޮމެޓީގެ މެންބަރުން ބޭއްވެވި ބައްދަލުވުމުގައި ވަނީ، ހުވާ ކުރުމުގެ ޖަލްސާގެ އިންތިޒާމްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ނިންމެވީ، ހުވާ ކުރެއްވުމުގެ ޖަލްސާ އޮންނާނީ ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު 16:45 ގައިކަމުގައެވެ.

އިންތިޚާބީ ރައީސާއި ނާއިބު ރައީސް ހުވާކުރުމަށް ބާއްވާ ޖަލްސާ ބޭއްވެވުމަށް ނިންމަވާފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. ޖުމްހޫރީ މައިދާނުގައި އެޖަލްސާ ބޭއްވެވުމަށް ނިންމެވީ ވީހާވެސް ގިނަ ބަޔަކު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމަށް އިންތިޚާބުވާ މީހަކު، މަޤާމާ ހަވާލުވާލުވުމުގެ ކުރީން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅުއްވާ ފަނޑިޔާރެއްގެ ކުރިމަތީގައި ހުވާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިކަމަށެވެ.


ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރުކަމަށެވެ. ރާއްޖޭގައި ރައީސުން ހުވާކުރެއްވުމުގެ ޖަލްސާ ބާއްވަމުން އައިސްފައިވަނީ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކުރިއަށްގެންދިއުމުގައި ދިމާވި ކަންތަންތަކެއްގެ ސަބަބުން އެއަހަރު އެ ރަސްމިއްޔާތު ފަސްކުރައްވާ، ބޭއްވެވީ ނޮވެމްބަރު 17ގައެވެ. 2013 ވަނަ އަހަރު އިންތިޚާބުގެ ދެބުރެއް ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވީ އެ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ރައީސް ޔާމީން ކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ ޖަލްސާ އޮތީ ގަލޮޅު ދަނޑުގައެވެ.