ޚަބަރު

ސްޓެލްކޯއިން ފަލަސްތީންގެ ރައްޔިތުންނަށް 5 ލައްކަ ރުފިޔާގެ އެހީއެއް


  • މިއީ ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ހަދިޔާ ކުރި ފައިސާ

  • ސްޓެލްކޯގެ ހެޑް އޮފީހުގެ ލޮބީގައި ވަނީ ފަންޑު ފޮށްޓެއް ބަހައްޓާފައި

އިސްރާއީލުގެ ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ޤާއިމުކޮށްފައިވާ ފަންޑަށް ސްޓެލްކޯއިން 5 ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ސްޓެލްކޯއިން ހަދިޔާކުރި މި ފައިސާއަކީ އެ ކުންފުނީގެ ސީއެސްއާރު ނުވަތަ އިޖްތިމާޢީ ހަރަކާތްތުގެ ދަށުން ހަދިޔާކޮށްފައިވާ ފައިސާއެވެ.

މި ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ޙަވާލުކޮށްފައިވަނީ މިއަދު ސްޓެލްކޯގެ ބޯޑު ރޯމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސްޓެލްކޯގެ ފަރާތުން މި ފައިސާގެ އެހީގެ ރަމްޒީ ޗެކް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ޙަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފްއެވެ. އަދި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން މި ރަމްޒީ ޗެކާއި ޙަވާލުވެލެއްވީ އެ ޖަމްޢިއްޔާގެ ޗެއަރމަން އަޙްމަދު އިޤުބާލެވެ.

ސްޓެލްކޯއިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ކުރިއަށްގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީވުމަށް ސްޓެލްކޯގެ ހެޑް އޮފީހުގެ ލޮބީ ސަރަޙައްދުގައި ފަންޑު ފޮށްޓެއް ބަހައްޓާފަކަމަށެވެ.

އިސްރާއީލްގެ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހުއްޓުމެނެތި ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީވުމުގެ ގޮތުން އެކި ފާރާތްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ފަލަސްތީނަށް އެހީވުމަށް ދިވެހިރާއްޖެއިން ހިންގާ ކެމްޕެއިނަށް އެސް.ޓީ.އޯ ގްރޫޕުންވެސް ވަނީ 1 މިލިއަން ރުފިޔާގެ އެހީއެއް ހަދިޔާކޮށްފައެވެ. މީގެ އިތުރަށްވެސް ވަކި ވަކި ފަރުދުންވެސް އަންނަނީ ފަލަސްތީނުގެ އެހީގެ ފަންޑަށް ފައިސާ ހަދިޔާ ކުރަމުންނެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ޝާހީދުވެފައެވެ. އަދި ގެދޮރުނެތި އެތައްބަޔަކު ވަނީ މަގުމަތިވެފައެވެ.