ޚަބަރު

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމަށް މިއަހަރު ހިންގާ ފަހު ޕްރޮގްރާމް ފަށައިފި


  • މިއީ މިއަހަރު ކުރިއަށް ގެންދާ އެންމެ ފަހު ޕްރޮގްރާމް

  • 539 މީހުން މި ޕްރޮގްރާމްގައި ބައިވެރިވޭ

  • އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކުގެ މަޢުލޫމާތު ދޭނެ

ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި، ޓެކްސީި ޚިދުމަތުގައި މަސައްކަތްކުރާ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ހިންގާ ތަމްރީން ޕްރޮގްރާމާއި ތާޒާކުރުމުގެ މި އަހަރުގެ 4 ވަނަ ޕްރޮގްރާމް ފަށައިފިއެވެ.

މިއީ މި ސިލްސިލާގެ ދަށުން މިއަހަރު ކުރިއަށް ގެންދާ އެންމެ ފަހު ޕްރޮގްރާމްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި، މަގުމަތީގެ އަދަބުތަކުގެ އިތުރުން ޓެކްސީ ޤަވާއިދާ ގުޅޭގޮތުން މަޢުލޫމާތު ދޭނެއެވެ.

މީގެ އިތުރުން، އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މި ޕްރޮގްރާމްގައި މަޢުލޫމާތުދޭނެއެވެ.

ހަފުތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ޓެކްސީ ޚިދުމަތަށް އަލަށް ގުޅޭ 456 މީހުންނާއި މިހާރުވެސް ޓެކްސީ ޚިދުމަތުގައި ތިބި 83 މީހަކު ބައިވެރިވެއެވެ.

ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް 4 ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމުކުރާ ތަމްރީނެކެވެ.