ޚަބަރު

އާރުޓީއެލް ބަސް ޑްރައިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި


  • މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ މަހުގެ 5 ގެ ނިޔަލަށް

  • އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކުގެ މަޢުލޫމާތުދޭނެ

  • މިއީ ރޯޑް ޕޮލިހާއި އެމްޓީސީސީ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެއް

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލް ބަސް ޑްރައިވަރުންނާއި ޑްރައިވަރުންގެ އެހީތެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކުގެ މަޢުލޫމާތުދޭނެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތުދޭނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މީގެ އިތުރުން، ބަސް ދަތުރުގެ ޤަވާއިދުތަކާއި، ދަތުރަށް ތައްޔާރުވުމުގެ ގޮތުން ކުރަންވީ ކަންކަމުގެ މަޢުލޫމާތުގެ އިތުރުން އެކްސިޑެންޓެއް ދިމާވާ ޙާލަތުގައި ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތުވެސް ހިއްސާކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ބަސްދަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްކާތެރިކަން ޤާއިމުކުރުމުގެ ގޮތުންނާއި، ޚިދުމަތް ދިނުމުގައި ދިމާވާ ނުރައްކާތެރި ޙާދިސާތައް މަދުކުރުމާއި، ޑްރައިވަރުންގެ މަސައްކަތުގެ މާޙައުލުގައި ރައްކާތެރި ވެއްޓެއް ޤާއިމުކުރުމަށް ރޯޑް ޕޮލިހާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.