ޚަބަރު

މަކުނުދޫގައި ގޭސް ސިލިންޑަރު ގޮވުން: މަރުވި 2 މީހުންގެ ހަށިގަނޑު މާލެ ގެންނަނީ


  • މިހާދިސާ ހިނގީ އިއްޔެ ހަވީރު 4:15 ގައި

  • މަރުވީ އިންޑިއާގެ 2 މީހުން

  • ހަށިގަނޑު ގައުމަށް ފޮނުވާނީ ތަހުގީގަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު

ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ހާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ ކަންކަން ހަމަޖައްސަވަމުންގެންދަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިދެމީހުންގެ ހަށިގަނޑު މާލެ ގެނައުމަށް މިހާރު ކުޅުދުއްފުށްޓަށް ގެންގޮސްފައިވާ ކަމަށް މަކުނުދޫ ކައުންސިލުން ވިދާޅުވެއެވެ.

މަކުނުދޫގައި އިއްޔެ ގޭސް ސިލިންޑަރެއް ގޮވައި ހިނގި މިޙާދިސާގައި މަރުވެފައިވަނީ އެރަށު އެއަރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބިގްފިޝް މޯލްޑިވްސްގައި މަސައްކަތްކުރާ އިންޑިޔާގެ ދެ މުވައްޒަފުންނެވެ. މަރުވި ދެމީހުންގެ ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރުވެފައެވެ.

މިމީހުންގެ ހަށިގަނޑުތައް ޤައުމަށް ފޮނުވުމާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެކަމަށް ގޮތެއް ނިންމާނީ ފުލުހުންގެ ތަޙުޤީގު ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައިކަމަށެވެ.

ފުލުހުން ވިދާޅުވީ، އިއްޔެ ހަވީރު 4:15 ހާއިރު މަކުނުދޫގައި ހިނގި މިޙާދިސާ ގޮވާފައިވަނީ އެރަށު ބަނދަރުގެ ދެކުނު ފަރާތުގައި ހުންނަ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއްކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ޙާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ ތަޙްޤީޤުކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން އެމްއެންޑީއެފުންވެސް މިކަމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.