ދިވެހި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ވިސާ ލިބިގެން ތައިލެންޑަށް އައިސް ގޮސް އުޅެވޭނެ ގޮތްތަކެއް ހަމަޖައްސަވައިދިނުމާއި ގުޅޭގޮތުންނާއި ރާއްޖޭގެ ޓްރޭޑް އޮފީހެއް ތައިލެންޑްގައި ޤާއިމްކުރުމާއި ގުޅޭގޮތުން ތައިލެންޑްގެ ކޮަަމާރސް މިނިސްޓަރާއި އެކު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު މަޝްވަރާކުރައްވައިފިއެވެ.
އިންޑޮނޭޝިއާގެ ބާލީއަށް ކުރެއްވި ދަތުރުފުޅަށްފަހު ތައިލެންޑަށް ވަޑައިގެން ތައިލޭންޑްގެ މިނިސްޓަރ އޮފް ކޮމާސް އަޕިރާދީ ޓަންޓްރަޕޯން އާއި އެކު ބޭއްވެވި ބައްދަލުވުމުގައި ދިވެހި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ވިސާ ލިބިގެން ތައިލެންޑަށް އައިސް ގޮސްއުޅެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވުމަށް މިނިސްޓަރ ސައީދު އެދިވަޑައިގެންފައިވާކަމަށާއި ތައިލެންޑަކީ ރާއްޖޭގެ ވަރަށްގިނަ ވިޔަފާރިވެރިން ޒިޔާރަތްކުރާޤައުމަކަށް ވާތީ، އެފަރާތްތަކަށް ފަސޭހަވާނެގޮތަށް ޓްރޭޑް އޮފީހެއް ތައިލެންޑްގައި ޤާއިމް ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
އަދި އިންވެސްޓްމެންޓްގެ ދާއިރާއިން ރާއްޖެއަށް ހުރި ފުރުޞަތުތަކާއި މެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
މީގެ އިތުރުން މިނިސްޓަރ ސަޢީދު ތައިލޭންޑުގެ ބޯރޑް އޮފް އިންވެސްޓްމަންޓްގެ ޑެޕިއުޓީ ސެކްރެޓްރީ ޖެނެރަލް އާއިވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެޤައުމުގެމެދުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި، އެދާއިރާއިން ރާއްޖެއަށް އެހީތެރިކަންފޯރުކޮށްދެވޭނެ ކަންކަމުގެ މައްޗަށް ކަމަށް މަޝްވަރާކުރައްވާފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
މިނިސްޓަރ ސަޢީދުގެ ދަތުރުފުޅު ފެއްޓެވީ މިމަހުގެ 22 ވަނަދުވަހު ބޭއްވުނު 6 ވަނަ މިނިސްޓީރިއަލް ކޮންފަރެސް އޮފްދަ ބާލީ ޕްރޮސެސްގައި ބައިވެރިވެވަޑައިގަތުމަށް އިންޑޮނޭޝިއާގެ ބާލީއަށް ކުރެއްވިދަތުރުފުޅުންނެވެ.
6 ވަނަ މިނިސްޓީރިއަލްކޮންފަރެންސްގައި ޤައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އައިސްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ބާލީ ޕްރޮސެސް ގެދަށުން ހިއުމަން ޓްރެފިކިންގއާއި ،ސްމަގްލިން އާއި، އަދި މިކަމާ ގުޅުންހުރި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާ ފަދަ ކަންކަން ހުއްޓުވުމާއި، އެފަދަ ޙާދިސާތައް ހިންގުމުން އެކަމަށް ފަސޭހައިން ޑިލް ކުރެވޭނެ މެކޭނިޒަމްއެއް ޤައުމުތަކުގެ މެދުގައި ޤާއިމްކުރުމާއި، އިރެގިއުލަރ މައިގްރޭޝަނާ ބެހޭގޮތުން ފުރަތަމަ ފަހަރަށް މިނިސްޓީރިއަލް ޑިކްލެރޭޝަނެއް ހެދުމާއި، އަދި ބާލީ ޕްރޮސެސްގެ ކަންކަން ކުރިއަށްގެންދާނެގޮތުގެ 2 އަހަރުދުވަހުގެ ވޯރކް ޕްލޭންވެސް ފާސްކުރައްވާފައިވެއެވެ.